ބީއެމްއެލް އިން "ސްޓާޓްއަޕް ގްރާންޓް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މި ޕްރޮގްރާމުގެ ދަށުން ހޮވޭ ދެ ފަރާތަކުން ކުރެ ކޮންމެ ފަރާތަކަށް، ވިޔަފާރި އަލަށް ފެށުމަށް ނުވަތަ އިތުރަށް ފުޅާކުރުމަށްޓަކައި 500،000ރ. (ފަސް ލައްކަ) ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފަ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ގްރާންޓަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތަކަށް ވުމާއެކު، އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބުކަމާއެކު ހިންގިދާނެ ފަދަ ވިޔަފާރި ޕްލޭނެއް އޮތުން ހިމެނެއެވެ.
މި ޕްރޮގްރާމުގެ ދަށުން ހޮވޭ ދެ ފަރާތަކުން ކުރެ ކޮންމެ ފަރާތަކަށް، ވިޔަފާރި އަލަށް ފެށުމަށް ނުވަތަ އިތުރަށް ފުޅާކުރުމަށްޓަކައި 500،000ރ (ފަސް ލައްކަ) ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޭންކުގެ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރެއްގެ އިރުޝާދާއެކު އެއް އަހަރު ދުވަހުގެ މެންޓަރޝިޕް ސަޕޯޓް ވެސް ބީއެމްއެލްއިން ފޯރުކޮށްދޭނެއެވެ. އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެއެވެ.
ސްޓާޓަޕް ގްރާންޓަށް އެދި އަންނަ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ.
ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ 2022 ވަނަ އަހަރުގައެވެ.