ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ
ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 400 މިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 23 އިންސައްތައިގެ ބޮޑު ކުރިއެރުމެއް
ދިވެހިރާއްޖޭގެ ވިޔަފާރީގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި، ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިފައިވާކަން ހާމަވެއްޖެއެވެ.
އެސްޓީއޯ އިން ހާމަކުރި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މާލީ ހިސާބުތަކަށް ބަލާއިރު، ސާފު ފައިދާ ވަނީ މިއަހަރުގެ ދެވަނަ ކުއާޓާއަށްވުރެ 0.5 އިންސައްތަ އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 186 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 51 އިންސައްތަ އިތުރު އަދަދެކެވެ.
އެސްޓީއޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 6.48 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 7 އިންސައްތައިގެ ދަށްވުމެކެވެ. އެހެންނަމަވެސް، މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 3.8 ބިލިއަން ރުފިޔާގެ އާމްދަނީ އަށް ވުރެ 69 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރަށްވުރެ ތިންވަނަ ކުއާޓަރުގެ އާމްދަނީ ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން މި މުއްދަތުގައި ތެލުގެ އަގު ހެޔޮވުމެވެ. އެހެންނަމަވެސް، އަގު ދަށްވި ކަމުގައި ވިޔަސް، ކުރީ ކުއާޓަރަށްވުރެ ވިއްކުނު ތެލުގެ މިންވަރު (ވޮލިއުމް) ވަނީ މައްޗަށް ގޮސްފައެވެ.
ތެލުގެ ވިޔަފާރީގެ އިތުރުން ކުންފުނީގެ އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީ ކުރިއަރާފައިވާއިރު، މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 738 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރަށްވުރެ 2.5 އިންސައްތައިގެ ދަށްވުމެކެވެ.
ހަމައެއާއެކު، ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 400 މިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 23 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އެސްޓީއޯއިން ބަޔާންކުރި ގޮތުގައި ހިންގުމުގެ ފައިދާ އިތުރުވެގެން ދިޔައީ ކުންފުނީގެ
ކުންފުނީގެ މެޑިކަލް ސެގްމަންޓް އަލުން އެކުލަވާލުމާއި، އާންމު ހުރިހާ ދާއިރާއަކުންވެސް ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ކުންފުނީގެ މުޅި ޖުމްލަ ފައިދާ ދަށްވި ނަމަވެސް، އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކުރެވުމާ ގުޅިގެން ޓެކްސް ދެއްކުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 352 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ.