އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބޭންކުން އެކި ބޭނުންތަކަށް 722 މިލިއަން ޑޮލަރު ދޫކޮށްފި

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުންނަ ސްޓަރ ކްލައުޑްސް އިމާރާތް. ފޮޓޯ: ދައުރު
ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުންނަ ސްޓަރ ކްލައުޑްސް އިމާރާތް. ފޮޓޯ: ދައުރު

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޒަރޫރީ ބޭނުންތަކަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ޑޮލަރުން ދޭ އެހީގެ 720 މިލިއަން ޑޮލަރަށްވުރެ އިތުރަށް މާރުކޮށްދީފައިވާކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން، ބޭންކުގެ ތިންވަނަ ކުއާޓާގެ މާލީ ރިޕޯޓުގައިވާގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބޭންކުން ވަނީ 722 މިލިއަން ޑޮލަރު ފޯރުކޮށްދީފައެވެ. 

ބޭންކުން ބުނީ، މިއީ 2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި 734 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ކަމަށާއި، އަދި މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ބޭންކުން އެވްރެޖުކޮށް ކަސްޓަމަރުންނަށް ކޮންމެ މަހަކު ފޯރުކޮށްދިން ޑޮލަރުގެ އަދަދު އިތުރުވެފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖް ކަމަށްވާ 61 މިލިއަން ޑޮލަރަށްވުރެ 31 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2022 ވަނަ އަހަރުގެ މަހެއްގެ އެވްރެޖް ކަމަށްވާ 32 މިލިއަން ޑޮލަރާ އަޅައިބަލާއިރު ދެގުނައަށްވުރެ ބޮޑު އަދަދެކެވެ.

ބޭންކުން ބުނީ، 2021 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ރުފިޔާ ގަތުމަށްފަހު ކަސްޓަމަރުންނަށް ޑޮލަރު ވިއްކުމަށް 3 ބިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ބޭންކުން ދޫކުރި ޑޮލަރުގެ ތެރެއިން ކާޑުތަކުގެ މުއާމަލާތްތަކަށް މުޅިއެކު 336 މިލިއަން ޑޮލަރު ދޫކުރިއެވެ. އެގޮތުން، ރުފިޔާ އެކައުންޓްތަކުގެ ކާޑުތަކުން ބޭރުގައި ކުރި މުއާމަލާތްތަކުގެ އެވްރެޖު މަހަކު 37 މިލިއަން ޑޮލަރުގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ. 

ބޭންކުން ބުނީ، ކާޑުތަކުގެ މުއާމަލާތްތަކަށް ހަރަދުވި މުޅި ޖުމުލައިގެ 62 އިންސައްތަ ކަމަށްވާ، 208 މިލިއަން ޑޮލަރަކީ އީ-ކޮމާސް މުއާމަލާތްތަކަށް ހަރަދުވި ޑޮލަރުކަމަށެވެ. އަދި އޭގެއިން، 93 މިލިއަން ޑޮލަރަކީ ރާއްޖެއިން ބޭރުގައި ކާޑު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ކަމަށާއި، އޭޓީއެމް މެދުވެރިކޮށް 34 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށެވެ.

ވިޔަފާރިތަކުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދުމަށް އެހީވުމަށް ބޭންކުން ފުރަތަމަ ތިން ކުއާޓާ ތެރޭގައި 224 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު މުޅި އަހަރު ދޫކުރި 175 މިލިއަން ޑޮލަރަށްވުރެ 28 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދަތުރުވެރިންނަށް 86 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މީގެ ތެރޭގައި ހައްޖާއި އުމްރާގެ އަޅުކަމަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ފަރާތްތަކަށް ދޫކުރި 5.8 މިލިއަން ޑޮލަރު ހިމެނޭ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

މީގެއިތުރުން، ބޭރުގައި ތިބި ދިވެހި ދަރިވަރުންނަށް ތައުލީމީ ބޭނުންތަކަށް މުޅިއެކު 40 މިލިއަން ޑޮލަރު، މަހަކު އެވްރެޖްކޮށް 4.4 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. އަދި ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުމަށް ދޫކުރި 33 މިލިއަން ޑޮލަރަކީ މިދިޔަ އަހަރު ދޫކުރި 14 މިލިއަން ޑޮލަރަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެއް ކަމަށް ބޭންކުން ބުންޏެވެ. 

ކޮމެންޓް 0