"އަމާޒަކީ، ނަފުސާނީ ބަލިތަކުން ރައްކާތެރިވުމާއެކު ބޭނުންވާ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް މަގުފަހިކޮށްދިނުން"

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ލިބޭނެ، އިންސާފުވެރި ނިޒާމެއް ބިނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް.

ދުނިޔޭގެ ސިއްހަތު ދުވަހުގެ ހާއްސަ ހަފުލާގައި ރައީސް ޑރ. މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ ސިއްހަތު ދުވަހުގެ ހާއްސަ ހަފުލާގައި ރައީސް ޑރ. މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ، ނަފުސާނީ ބަލިތަކުން ރައްކާތެރިވުމާއެކު، ބޭނުންވާ ހާލަތުގައި ފަރުވާ ހޯދުމަށް އިސްކަންދީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ލިބޭނެ، އިންސާފުވެރި ނިޒާމެއް ބިނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރައްވާނީ ނަފުސާނީ ގޮތުން ދަތިތައް ތަޖުރިބާކޮށްފައިވާ ފަރާތްތަކުގެ މަޝްވަރާ އާއި ބައިވެރިވުމުގެ މައްޗަށް ބިނާކޮށް، އަދި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި "ނަފުސާނީ ދުޅަހެޔޮކަމުގެ އިސްތިރާޖީ އެކްޝަން ޕްލޭން 2025-2029" ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ގައުމީ ނަފުސާނީ ދުޅަހެޔޮކަމުގެ ސިޔާސަތެއް އެކުލަވައިލުމާއި، ނަފުސާނީ ދުޅަހެޔޮކަމުގެ ފުރިހަމަ ގާނޫނެއް ފާސްކުރުން ހިމެނޭހެން، ސިޔާސަތުތަކާއި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އާންމު ސިއްހީ ހިދުމަތްތަކުގެ ތެރޭގައި ނަފުސާނީ ސިއްހަތުގެ ހިދުމަތް ހިމެނުމާއި، އަތޮޅުތެރޭގެ އަދި ހާއްސަ ބަލިތަކަށް ފަރުވާދޭ ހިދުމަތްތައް ހަރުދަނާކުރުމުގެ އިތުރުން، ޓެލެ-މެންޓަލް ހެލްތާއި ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާދެވޭނެ ނިޒާމުތައް މިހާރަށްވުރެ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، އޯގާތެރި، އެކަކު އަނެކަކަށް އެހީވާނެ މުޖުތަމައެއް ބިނާކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ކޮމެންޓް 0