"ނަފުސާނީ ބަލިތަކާ ގުޅޭގޮތުން މުޖުތަމައުގެ ތަސައްވުރު ބަދަލުކޮށް، އެހީތެރި މާހައުލެއް ބިނާކުރަމާ"

އަނެކާގެ ވާހަކަތައް އަޑުއަހައި އެހީތެރިކަން ފޯރުކޮށްދޭ ގޮތުގެ ސަބަބުން، އެމީހެއްގެ ދިރިއުޅުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަން ފަސްޓް ލޭޑީ ފާހަގަކުރެއްވި.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް

ނަފުސާނީ ބަލިމަޑުކަމާ ގުޅުވައިގެން މުޖުތަމައުގައި ގެންގުޅޭ ނުރަނގަޅު ތަސައްވުރުތައް ނައްތާލައި، އެންމެންގެވެސް އަޑުއަހާ، އަދި އެހީތެރިކަން ލިބޭނެފަދަ މާހައުލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަކީ، މީހާއަށް ލިބޭ އަޅާލުމާއި، އޯގާތެރިކަމުގެ އިތުރުން އެމީހަކު ދިރިއުޅޭ މާހައުލާއި ވަށައިގެންވާ މުޖުތަމައުގެ ސަބަބުން ބައްޓަންވާ ކަމެއް ކަމަށެވެ. މިއީ އަޅުގަނޑުމެންގެ ގޭތެރެއިންނާއި، މަދަރުސާތަކާއި، މަސައްކަތުގެ މާހައުލުތަކާއި، މުޖުތަމައުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ބައްޓަންވަމުންދާ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. 

އަދި، އަނެކާގެ ވާހަކަތައް އަޑުއަހައި އެހީތެރިކަން ފޯރުކޮށްދޭ ގޮތުގެ ސަބަބުން، އެމީހެއްގެ ދިރިއުޅުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، ނަފުސާނީ ދަތިތަކާ ކުރިމަތިލަމުންދާ ފަރާތްތަކަކީ، އެހީތެރިކަމުގެ މާނަ އެންމެ ފުރިހަމައަށް ބަޔާންކޮށްދެވޭނެ އަގުހުރި ތަޖުރިބާތަކެއް ލިބިފައިވާ ބައެއްކަން ގަބޫލުކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އެހެންކަމުން، ނަފުސާނީ ދުޅަހެޔޮކަމާމެދު ދެކޭގޮތާއި ބޭނުންކުރާ ބަސްމަގު އިސްލާހުކުރަން ޖެހިފައިވާކަން ފާހަގަކުރައްވަމުން، އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ހިތްވަރުދީ، ކޮންމެ ފަރުދަކަށްވެސް އެހީތެރިކަން ލިބޭނެ މަގު ތަނަވަސްވެފައިވާކަން ކަށަވަރުކޮށްދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް 0