ފޭދޫ ސްކޫލުގެ އާޓް އެންޑް ކްރާފްޓް މައުރަޒެއް ބާއްވައިފި

ފޭދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އެ ސްކޫލްގެ ފަރާތުން އާޓް އެންޑް ކްރާފްޓް މައުރަޒު އަލީ ފަހުމީ ހުޅުވައިދެއްވަނީ. ފޮޓޯ: ފޭދޫ ސްކޫލް
ފޭދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އެ ސްކޫލްގެ ފަރާތުން އާޓް އެންޑް ކްރާފްޓް މައުރަޒު އަލީ ފަހުމީ ހުޅުވައިދެއްވަނީ. ފޮޓޯ: ފޭދޫ ސްކޫލް

ފޭދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އެ ސްކޫލްގެ ފަރާތުން އާޓް އެންޑް ކްރާފްޓް މައުރަޒެއް ބާއްވައިފިއެވެ.

މި މައުރަޒު ހުޅުވައި ދެއްވި ފޭދޫގެ ކުރީގެ ކައުންސިލަރ އަލީ ފަހުމީއެވެ.

ފޭދޫ ސްކޫލުން ބުނި ގޮތުގައި، މި މައުރަޒަކީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ހިޔާލީ ތަނަވަސްކަމުގެ އިތުރުން އެ ކުދިންގެ ކިބައިގައި ހުރި ހުނަރުވެރިކަން ފާހަގަކޮށް ދައްކާލުމަށް ބޭއްވި މައުރަޒެކެވެ. މި މައުރަޒުގައި ދަރިވަރުން ތައްޔާރުކޮށްފައިވާ ތަފާތު ކުރެހުންތަކާއި އަތްތެރި މަސައްކަތްތައް ވަނީ އާންމުންނަށް ދައްކާލާފައެވެ.

މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އަލީ ފަހުމީ އަހްމަދު ބައިވެރިވުމަކީ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، އޭގެ ސަބަބުން މައުރަޒުގެ މުހިންމުކަން އިތުރުވެގެން ދިޔަ ކަމަށް އެ ސްކޫލުން ފާހަގަކުރިއެވެ. މީގެ އިތުރުން، މި މައުރަޒު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދިން ހުނަރުވެރި ދަރިވަރުންނާއި، މަސައްކަތްތެރި މުދައްރިސުންނާއި، އެއްބާރުލުން ދިން ބެލެނިވެރިންގެ އިތުރުން މިކަމުގައި ހިއްސާވި ހުރިހާ ފަރާތްތަކަށް ސްކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

“އުފެއްދުންތެރިކަމަށް ވަކި ހައްދެއް ނޯވޭ. އަދި ހިޔާލުތައް ހަގީގަތަކަށް ހަދާނެ ގޮތް ދަރިވަރުން ވަރަށް ފުރިހަމައަށް ދައްކައި ދީފި،” ފޭދޫ ސްކޫލުން ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ދަރިވަރުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސްކޫލުން އަބަދުވެސް އިސްކަންދޭ ކަމަށާއި، މިފަދަ މައުރަޒުތަކުގެ ސަބަބުން ކުދިންގެ އަމިއްލަ އިތުބާރު ބޮޑުވާ ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ. މި މައުރަޒަކީ ދަރިވަރުންގެ ހުނަރު ކުރިއެރުވުމަށް ފޭދޫ ސްކޫލުން ސިލްސިލާކޮށް ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ކޮމެންޓް 0