"އަންހެން ކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި ފަރުދުންގެ ދިރިއުޅުމަށް ބަދަލު ގެނައުން ނޫންކަމަށާއި، އެއީ ގައުމުގެ މުސްތަގްބަލް ބައްޓަންކޮށްދޭ ކަމެއް"
އަންހެންކުދިންނަކީ ލީޑަރުންކަމަށާއި، އީޖާދީ ވިސްނުންތައް ތައާރަފްކޮށް، ކަންކަން ބަދަލުކުރުމުގެ ހިތްވަރު ހުރި ބައެއްކަމުގައި އެކަމަނާ ފާހަގަކުރެއްވި.

އަންހެން ކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި ފަރުދުންގެ ދިރިއުޅުމަށް ބަދަލު ގެނައުން ނޫންކަމަށާއި، އެއީ ގައުމުގެ މުސްތަގްބަލް ބައްޓަންކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައެވެ.
އެކަމަނާގެ މެސެޖުގައި، އަންހެންކުދިންނަކީ ހިތްވަރުގަދަ، އުންމީދީ، އަދި ގާބިލު ބައެއްކަމުގައި ވިދާޅުވިއެވެ. އަންހެންކުދިންނަކީ ލީޑަރުންކަމަށާއި، އީޖާދީ ވިސްނުންތައް ތައާރަފްކޮށް، ކަންކަން ބަދަލުކުރުމުގެ ހިތްވަރު ހުރި ބައެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ފަސްޓް ލޭޑީގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ދިވެހި އަންހެންކުދިންނާއި ޒުވާން އަންހެނުން ތައުލީމާއި، އާންމު ހިދުމަތްތަކާއި، ވިޔަފާރީގެ ދާއިރާ، ކުޅިވަރު އަދި އިޖްތިމާއީ ދާއިރާތަކުން ކޮށްދީފައިވާ ހިދުމަތް ފާހަގަކުރައްވައި، ގައުމުގެ ކުރިމަގު ބިނާކުރުމުގައި އަންހެންކުދިން އަދާކުރަމުން އަންނަ އަގުނުކުރެވޭ ދައުރަށް އެކަމަނާ ތައުރީފުކުރައްވާފައެވެ.