ޚަބަރު
އަލައްބާރު އާއި ޔަހޫދީންނާއި ގުޅުން އޮންނަ ކަމަށް ދެކެވޭ ވާހަކައަށް އައިބީ ރައްދު ދެއްވައިފި
ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ އިންވެސްޓަރުންނާއި ޔަހޫދީންނާ މާ ބޮޑަށް ގުޅުން އޮންނާނެ ކަމަށް އައިބީ ވިދާޅުވި
ރަސްމާލެ މަޝްރޫއުގެ އިންވެސްޓަރު މުހައްމަދު އަލައްބާރާއި ޔަހޫދީންނާ ގުޅުން އޮންނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އައިބީ މިއަދު ރައްދުދެއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އައިބީ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އިނގިރޭސިވިލާތާއި އެމެރިކާއާއި އިންޑިއާ އަދި ޗައިނާގެ އިންވެސްޓަރުން ހަރަކާތްތެރިވަމުންދާއިރު، އެ ފަރާތްތަކާއި ޔަހޫދީންނާ މާ ބޮޑަށް ގުޅުން އޮންނާނެއެވެ. ނަމަވެސް އެ ވާހަކަ އެއްވެސް ފަރާތަކުން ނުދައްކާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށްވާ އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ އިންވެސްޓަރަކާ ގުޅޭގޮތުން އެފަދަ ތުހުމަތުތަކެއްކޮށް، ޔަހޫދީންނޭ ކިޔައިގެން ތަރައްގީގެ މަޝްރޫއަކަށް ހުރަސްއަޅަން މަސައްކަތްކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް އައިބީ ވިދާޅުވިއެވެ. އަދި އެއީ ދެރަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތަށް އަލިއަޅުވާލައްވައި އައިބީ ވިދާޅުވީ، އިސްރާއީލުގެ ޕާސްޕޯޓު ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށެވެ.
އަލައްބާރުގެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއާ ގުޅުވައިގެން، އޭނާއަކީ ޔަހޫދީންނާ ގުޅުން އޮންނަ ފަރާތެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުތަކެއް ކުރަމުންނެވެ. އަދި ބައެއް މީޑިއާތަކުގައި ވެސް އެގޮތަށް ރިޕޯޓުކޮށްފައިވާކަން ފާހަގަކުރެވެއެވެ.