ޚަބަރު
ރަސްމާލޭގައި އިޒްރޭލުގެ މީހުންގެ ގޭގެ ކައިރީގައި ސިޔަރަތު ޖެހުމުން އެމީހުން ދާނެ: އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ރަސްމާލޭގައި “އިޒްރޭލުގެ ހިމާރު”ގެ ގޭގެ ދެފަރާތުގައި އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ގަފޫރާއި ފިއްޓޭގެ ގެކޮޅެއް ބެހެއްޓިދާނެ ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އަސްލަމް ވަނީ “ހިމާރު” މި ނަން މަޖާޒީ ގޮތެއްގައި ބޭނުންކުރައްވާފައި ކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރަސްމާލޭގައި އިޒްރޭލުގެ ހިމާރުގެ ގޭގެ ދެކޮޅުގައި އެމްޑީޕީގެ ދެ މެންބަރުންގެ ގެ ބެހެއްޓުމުގެ ފުރުސަތު އެބައޮތެވެ.
އެގޮތަށް ހަމަޖައްސައިފި ނަމަ ކަންތައް ހިނގާނެ ގޮތް ސިފަކުރައްވަމުން އަސްލަމް ވިދާޅުވީ، އިޝާ ނަމާދު ނިމޭ ގޮތަށް މެންބަރު ފިއްޓޭގެ ގެއިން މިއުރާޖު މައުލޫދު ޖަހާނެ ކަމަށާއި، ގަފޫރުގެ ގެއިން ސިޔަރަތު ޖަހާނެ ކަމަށެވެ.
މިކަމުގެ ސަބަބުން އެ “ހިމާރަށް” ނުނިދޭނެ ކަމަށް ފާހަގަކުރައްވައި، އަސްލަމް ވިދާޅުވީ ރާއްޖޭގައި އެފަދަ ފަރާތްތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއަކީ މުޖާހިދުން ތިބި ގައުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ފަލަސްތީނުގައި އަމަލުކުރި ގޮތަށް އިޒްރޭލަށް ރާއްޖެގައި އަމަލުނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.