ޚަބަރު
މިދިޔަ ސަރުކާރުގައި މާފުށީ ޖަލުގެ ގޮޅިތަކެއް އިމާރާތްކުރަން ހަވާލުކުރީ މާލީ ގެއްލުންވާގޮތަށް: އޮޑިޓް ރިޕޯޓް
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން، ދާހިލީ ވުޒާރާއިން ޕޮލްކޯއާ ހަވާލުކުރި މަޝްރޫއެއް އެ ކުންފުނިން 1.2 މިލިޔަން ރުފިޔާ ކުޑަކޮށް ސަބްކޮންޓްރެކްޓަރަކާ ހަވާލުކުރުމުން، މަސައްކަތް އަގުހެޔޮކޮށް ކުރުމުގެ ފުރުސަތު ގެއްލިފައިވޭ.
މިދިޔަ ސަރުކާރުގައި
މާފުށީ ޖަލުގެ ގޮޅިތަކެއް އިމާރާތްކުރަން ހަވާލުކުރީ ދައުލަތަށް މާލީގޮތުން ގެއްލުންވާނެ
ގޮތަށް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ
އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ
އޮފީހުން ނެރުނު 2022 އަދި 2023 ވަނަ އަހަރުގެ ބަޖެޓް އޮޑިޓް ރިޕޯޓުގައި މައިގަނޑުކޮށް
ފާހަގަކުރެވިފައިވަނީ، މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ ވިންގަކާއި، އިތުރު
18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް އިމާރާތް ކުރުމުގެ މަސައްކަތެވެ.
މި މަސައްކަތް
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ 47.1 މިލިޔަން ރުފިޔާއަށް ހަވާލުކުރީ ދައުލަތުގެ
މާލީއްޔަތު ގަވާއިދާ ހިލާފަށް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
"ސިންގަލް
ސޯސް ޕްރޮކިޔުމަންޓް" އުސޫލުން ޕޮލްކޯއާ މި މަސައްކަތް ހަވާލުކުރީ 2023 ވަނަ އަހަރު
ދަރުމަވަންތަ ސްކޫލް ހުޅުވުމުގެ ކުރިން މާލެ ޖަލުގައި ތިބި ގައިދީންނާއި ބަންދުގައި
ތިބި މީހުން މާފުއްޓާއި އައްސޭރި ޖަލަށް ބަދަލުކުރުމަށް، އަވަހަށް މަސައްކަތް ނިންމުމަށް
ކަމަށް ބުނެއެވެ.
ނަމަވެސް،
ދަރުމަވަންތަ ސްކޫލް ހުޅުވިއިރުވެސް މަސައްކަތް ނުނިމޭތީ، މި މަސައްކަތް ހަވާލުކުރި
މަގުސަދު ހާސިލްނުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، 50 ގޮޅީގެ ހައި ސެކިއުރިޓީ
ވިންގުގެ މަސައްކަތް ނުނިމުނީ ކޮންޓްރެކްޓަރު ހުށަހެޅި ބިލުތަކަށް ފައިސާ ދެއްކުން
ލަސްވުމުގެ ސަބަބުން ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި ވުޒާރާގެ
ފަރާތުން ބިން ހަވާލުކުރުމުގައިވެސް ލަސްތަކެއް ދިމާވި ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.
އޮޑިޓް ރިޕޯޓްގައި
ފާހަގަކޮށްފައިވާ ގޮތުން، ދާހިލީ ވުޒާރާއިން ޕޮލްކޯއާ ހަވާލުކުރި މަޝްރޫއެއް އެ ކުންފުނިން
1.2 މިލިޔަން ރުފިޔާ ކުޑަކޮށް ސަބްކޮންޓްރެކްޓަރަކާ ހަވާލުކުރުމުން، މަސައްކަތް އަގުހެޔޮކޮށް
ކުރުމުގެ ފުރުސަތު ގެއްލިފައިވެއެވެ.
އަދި ދެ މަޝްރޫއެއްގެ
ކުރެހުމާއި ބީއޯކިޔުގައި އަގުގެ ތަފާތުތައް ހުރިކަންވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ.
50 ގޮޅީގެ އިމާރާތެއް ހަދާ ސަރަހައްދުގައި ހުރި އިމާރާތެއް ތާޅާލަން ކަމަށް ބުނެ
2.9 މިލިޔަން ރުފިޔާ ބީއޯކިޔުގައި ހިމެނިއިރު، އެ ބިމުގައި އެފަދަ އެއްވެސް އިމާރާތެއް
ނެތްކަންވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން،
ދ. ކުޑަހުވަދޫ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް
އެއްބަސްވުމާ އެއްގޮތަށް ނިމުނުކަން ޔަގީން ކުރެވޭނެ ގޮތެއް ނެތް ކަމަށާއި، ވުޒާރާއިން
މަސައްކަތް ބަލައިގަތްފަހުން މައްސަލަތައް ހައްލުކުރުމަށް ދައުލަތުން އިތުރަށް ޚަރަދުކުރަން
ޖެހުނު ކަމަށްވެސް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. ހދ. ނޭކުރެންދޫ ކަރެކްޝަނަލް ފެސިލިޓީގެ
މަސައްކަތަށް އެޑްވާންސްކޮށް ފައިސާ ދޫކުރި ނަމަވެސް ވުޒާރާއަށް ލިބެންޖެހޭ ފައިސާ
ހޯދާފައިނުވާކަމަށާއި، ބިޑު ކޮމިޓީގެ ހުއްދަނެތި ތިން މަޝްރޫއެއްގެ އަގު އިތުރުކޮށްފައިވާކަމަށްވެސް
ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.
މިފަދަ މައްސަލަތައް އިތުރަށް ދިމާނުވާނެހެން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށްގެންދިއުމަށް
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ލަފާ އަރުވާފައެވެ.