ޚަބަރު
ހައްޖު ކިއުއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، 1448 ވަނަ އަހަރު ހައްޖުވުމަށް ފުރުސަތު ދެނީ
އެގޮތުން، 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ހައްޖުން ފުރުސަތު ލިބިދެވޭނެ.
ހައްޖުގެ
މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ހައްޖު ކިއުއިން ޖާގަ ލިބުނުތާ 3
އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް
1448 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މި
ނިންމުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ހައްޖުގެ ކޯޓާގެ އަދަދަށް ބަލާއިރު،
ހައްޖު ކިއުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ ބޭފުޅުން ތިބުމާއެކު، އަދި
ހައްޖަށް ދިއުމަށް ފައިސާ ދައްކައި، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި،
ހައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތުމާއެކު، ވީހާވެސް
ގިނަ ދޮށީ އުމުރުގެ ބޭފުޅުންނަށް ފަރުޟު ހައްޖު އަދާކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަށެވެ.
މިކަމުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން، އިސްލާމީ
ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް
ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އުސޫލު ތަންފީޒުކުރާނީ، މައުޟޫއީ ގޮތެއްގައި
އުމުރުށާއި ކިޔޫއިން ޖާގަލިބުނު ތާރީހަށް ބަލައިގެން ކަމަށެވެ. އަދި މިއީ
އެންމެންނަށް ހަމަހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި މައުޟޫއީ ގޮތެއްގައި
ތަންފީޒުކުރާނެ އުސޫލެއްކަންވެސް ފާހަގަކުރެއްވިއެވެ.
މީގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި،
ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުސަތު ލިބި، ހައްޖު ކިއުގައި ތިބި
އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުވެގެން ދާނެކަމަށް ހައްޖު ކޯޕަރޭޝަނުން
ބުނެއެވެ. މިއާއެކު، ކުރިއަށް އޮތް ތަނުގައި ހައްޖު ކިއުގައި ހިމެނޭ މީހުންގެ
ނިސްބަތް ޒުވާން އުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު
ބޮޑުވެގެންދާނެއެވެ.
އިތުރަށް
ތަފްސީލު ދެއްވަމުން ފާހަގަކުރެއްވި ގޮތުގައި، މި އުސޫލުގެ ދަށުން ހައްޖު ކިއުގައި
ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023 ގެ
ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، އުމުރުން 70 އަހަރުން މަތީގެ
ހުރިހާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ
އުމުރުފުރާ ކަމުގައި ބަލާނީ، 31 ޑިސެންބަރު 2026 ގެ ނިޔަލަށް އުމުރުން 70 އަހަރު
ފުރިފައިވާ ފަރާތްތަކެވެ.
އެގޮތުން، 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ
ހައްޖުން ފުރުސަތު ލިބިދެވޭނެއެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުންނަށް
ފުރުސަތު ލިބިދެވޭނެއެވެ.
މި
އުސޫލު ތަންފީޒުކުރުމާއެކު، 1448 ވަނަ އަހަރު ހައްޖަށް ދެވޭނެކަމަށް
އަންދާޒާކޮށްފައިވާ އުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް މިހާރު
އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނެހެން، 65 އަހަރުން މަތީގެ
ފަރާތްތަކަށްވެސް މި އަހަރުގެ ކިޔޫގައި އިސްކަންދޭނެއެވެ.
އެހެންކަމުން މި އުސޫލު
ތަންފީޒުކުރި ނަމަވެސް، 1448 ވަނަ އަހަރު ހައްޖަށް ދެވޭނެކަމަށް
އަންދާޒާކޮށްފައިވާ އުމުރުން 65 އަހަރާއި 69 މީހުންނަށް ހައްޖަށް ދިއުމުގައި
ލަސްވުމެއް ކުރިމައްޗެއް ނުވާނެއެވެ. އަދި އެފަދަ ފަރާތްތަކުން އެކުގައި ދިއުމަށް
ފައިސާ ދައްކާފައިވާ އަދި 1448 ވަނަ އަހަރު ހައްޖުވެވޭނެކަމަށް އަންދާޒާކޮށްފައިވާ
އާއިލީ މީހުންގެ ތެރެއިން ހައްޖު ކިއުގައި ތިބި އާއިލާގެ އެއް މެންބަރަކަށް
އެކުގައި ދިއުމަށް ފުރުސަތު ނުގެއްލޭނެހެން އިސަކަންދޭނެކަންވެސް ފާހަގަކުރިއެވެ.
މި
އުސޫލުތަކުގެ ދަށުން ފުރުޞަތު ދެވޭ ހުރިހާ ފަރާތްތަކަކީވެސް، މީގެ ކުރިން ހައްޖުގެ
އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ހައްޖު އަދާކުރުމަށް ދާ މީހުންނަށް
ވާންޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މިއާއެކު،
ކިޔޫގައި ތިބި 65 އަހަރުން ދަށުގެ ބައެއް ބޭފުޅުނަށް އަހަރެއްހާ ދުވަހުގެ
ލަސަވުމެއް މެދުވެރިވިނަމަވެސް، މިއީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް
އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ އުމުރުގެ އެތައް ރައްޔިތުންނަކަށް
ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެކެވެ.
އަދި މިއީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ބޭނުން
އެންމެ އިންސާފުވެރި އަދި އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅިގެންދިޔަ މުހިންމު
ފިޔަވަޅެއްގެ އިތުރުން، ހައްޖު ކިއުގެ އިންތިޒާމުތައް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި
ހުރިހާ އުމުރުފުރާތަކަށްވެސް ފުރުސަތުތައް އަވަހަށް ތަނަވަސްވުމަށް މަގުފަހިވާނެ
އަދި، މިކަމުގެ ފައިދާ އާންމު ގޮތެއްގައި ކިޔޫގައި ތިބި ހުރިހާ ބޭފުޅުންނަށްވެސް
ލިބޭނެ ކަމެކެވެ.