އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އައްޑޫއަށް ވަޑައިގެން އައްޑޫގެ ސްކޫލްތަކުގެ ވެރިންނާ ބައްދަލުކުރައްވައި، ތައުލީމީ ދާއިރާގެ މުސްތަގުބަލާ ގުޅޭ މުހިންމު މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންދަވައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެ މިނިސްޓްރީން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ޕްރޮގްރާމްތަކަށެވެ. އޭގެ ތެރޭގައި ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ތައާރަފުކުރާ އާ އެޑިއުކޭޝަން މެނޭޖްމަންޓް ސޮފްޓްވެއާއާއި، ޓީޗަރުންގެ މަސައްކަތުގެ ބުރަހެލިކަން ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ހިމެނެއެވެ. މީގެ އިތުރުން، ދަރިވަރުންނަށް އުނގަންނައިދިނުމުގައި ގެންގުޅޭ ފޮތްތަކާ ގުޅޭ އާ ސިޔާސަތުތަކުގެ މައުލޫމާތުވެސް މިނިސްޓަރު ވަނީ ޕްރިންސިޕަލުންނާ ހިއްސާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޑރ. ޝަފީއު ވަނީ ސްކޫލްތަކުގެ ވެރިންނަށް މުހިންމު އިލްތިމާސެއް ކުރައްވައިފައެވެ. އެގޮތުން، ސްކޫލްތަކުގެ އިސްވެރިންނަކީ ހަމައެކަނި އިދާރީ ހިންގުންތެރިންގެ ބަދަލުގައި، މުދައްރިސްކަމުގެ ފަންނު ކުރިއަރުވަން މަސައްކަތްކުރާ ބަޔަކަށް ވުމަށް މިނިސްޓަރު އެދިވަޑައިގަތް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. ޓީޗަރުންގެ ފެންވަރު މަތިކޮށް، ކްލާސްރޫމްތަކުގައި ކިޔަވައިދޭ ގޮތްތައް އިތުރަށް ފުރިހަމަކުރުމަށް ޕްރިންސިޕަލުންގެ ދައުރު ބޮޑުކަން އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އައްޑޫގެ ސްކޫލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވިފައިވެއެވެ.