ސިފައިންގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި

ސިފައިންގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި

ސިފައިންގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިކަމަށް ޓަކައި ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމް ވަނީ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންނާއި އަދި މުދައްރިބުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ކޮމާންޑިންގ އޮފިސަރުގެ ވާހަކަފުޅުގައި ސިފަވަންތަ ހަރުދަނާ ސިފައިންގެމީހެއްގެ ގޮތުގައި ދެމިތިބުމަށާއި، މި ތަމްރީނުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލުތިމާސްކުރެއްވިއެވެ. މީގެ އިތުރުން މުދައްރިބުން ދަރިވަރުންގެ ސަލާމަތަށް ބަލައިގެން ތަމްރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދެވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

ރަސްމިއްޔާތުގައި މުދައްރިބުންނަށް ވައުދު ލައިދިނުމާއި، ދަރިވަރުންނަށް އިގުރާރު ލައިދެއްވުން އޮތެވެ. ކޯހުގެ ދަރިވަރުންނަށް އިގުރާރު ލައިދެއްވީ ކޮމްޕެނީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަފީޤްއެވެ. އަދި މުދައްރިބުންނަށް ވައުދު ލައިދެއްވީ އެ ކޯހުގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން އަހްމާދު ޝާތިރުއެވެ.

75 ވަނަ އަސާސީ ތަމްރީނު ކޯހުގައި 149 ދަރިވަރުން ހިމެނޭ އިރު އޭގެތެރޭގައި 27 އަންހެން ދަރިވަރުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ސީޑީއެސްއެސްގެ ޑެޕިއުޓީ ކޮމާންޑަރ، ކާނަލް އިބްރާހީމް ނަވީން ޒުބައިރާއި، ދަ ބޭސިކް ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާން އަދި އެންސީއޯ އެކެޑަމީގެ ޑައިރެކްޓަރ، މޭޖަރ މުޙައްމަދު ނަދީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް 0