ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ އުންމީދުގައި ކަސްރަތުކުރަންދާ ޒުވާނަކު، ޖިމަށް ވަނުމުގެ ކުރިން ކޮންމެ ފަހަރަކު ދިގު އީމެއިލްއެއް ފޮނުވަން ޖެހުމަކީ ކޮންފަދަ ބޮޑު ތަކުލީފަކަށް ވާނެ ހެއްޔެވެ؟ އަދި އަމުދުން ޓެކްނޮލޮޖީގެ ރޮނގުން މިހާ ކުރިއަރައިފައިވާ ޒަމާނެއްގައި އީމެއިލް ލިޔެގެން ޖިމަށް ދާން އެޕޮއިންޓްމަންޓް ހެދުމަކީ ޖޯކެއް ނޫން ހެއްޔެވެ؟ އެއަށް ވުރެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެން ނެތީ ހެއްޔެވެ؟
މިއީ އައްޑޫ ސިޓީ ހިތަދޫ ޔޫތު ސެންޓަރުގެ ޖިމަށްދާ ބައެއް ޒުވާނުންނަށް މިއަދު ކުރިމަތިވެފައިވާ ހަގީގަތް ކަމަށް އެޒުވާނުން ބުނެއެވެ. ޒުވާނުން ބާރުވެރިކުރުވައި، އެ މީހުންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ހިންގާ މި މަރުކަޒުގެ އިދާރީ އިންތިޒާމުތައް ހުރި ގޮތުން، މިއީ މިހާރު ޒުވާނުންނަށް ފަސޭހައަކަށް ވުރެ ބޮޑަށް ދުއްޕާނަކަށް ވެފައިވާ ކަމަށް ޒުވާނުން ދަނީ ޝަކުވާކުރަމުންނެވެ.
ސޯޝަލް މީޑިއާގައާއި އާންމު އެކި ޕްލެޓްފޯމުތަކުގައި ޚާއްސަކޮށް ހިތަދޫގެ ޒުވާނުން ހިއްސާކޮށްފައިވާ ޝަކުވާތަކަށް ބަލާއިރު، އެންމެ ބޮޑު އެއް މައްސަލައަކީ ޖިމަށް ވަނުމަށް ހަދާފައިވާ ހަރުކަށި އުސޫލުތަކެވެ. ގަވާއިދުން ހިތަދޫ ޖިމަށް ދާ ފަރާތްތަކުން ބުނާ ގޮތުގައި، ޖިމް އެއްކޮށް ހުސްކޮށް އޮތް ނަމަވެސް، ކޮންމެ މީހަކަށްވެސް ދުވާލެއްގެ މައްޗަށް ކަސްރަތުކުރަން ލިބެނީ އެންމެ ގަޑިއިރެކެވެ.
މީގެ އިތުރުން، ގަޑި ބުކްކުރުމަށްފަހު ދިމާވާ ކަމަކާ ހުރެ ކުޑަކޮށް ލަސްވި ނަމަވެސް، އެކަމުގެ ގެއްލުން އުފުލަންޖެހެނީ ޒުވާނުންނަށެވެ. މިސާލަކަށް، ހަވީރު 4:00 އިން 5:00 އަށް ޖިމް ބުކްކުރާ މީހަކަށް ޖިމަށް ދެވެނީ 4:30 ގައި ކަމަށްވާނަމަ، ޖިމްގައި އިތުރު އެއްވެސް މީހަކު ނެތް ނަމަވެސް 5:00 ވުމާއެކު އެ މީހަކު ޖިމުން ނުކުންނަން މަޖުބޫރުކުރުވާ ކަމަށް ޒުވާނުން ފާހަގަކުރެއެވެ.
އަދި މީގެ އިތުރުން ކަސްރަތުކުރާއިރު އަމަލުކުރަން މަޖުބޫރުކޮށްފައިވާ ބައެއް އުސޫލުތަކަކީވެސް ކަސްރަތުކުރާ ފަރާތްތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އާންމު ގޮތެއްގައި ޖިމްތަކުގައި ބޫޓަށް އެރުމަކީ މަޖުބޫރު ކަމެއް ނަމަވެސް، ސްކޮޓް އަދި ޑެޑްލިފްޓް ފަދަ ބަރު އުފުލައިގެން ކުރާ ކަސްރަތުތައް ކުރާއިރު، ފައިތިލަ އެއްވަރަކަށް ބިންމަތީގައި ޖައްސައިގެން ހުރުމަކީ އެ ކަސްރަތުތަކުގެ އެންމެ ރަނގަޅު ފޯމު ހިފެހެއްޓުމަށް މުހިންމު ކަމެކެވެ. އެއީ ސިއްޚީ ގޮތުން ވެސް މުހިއްމު ކަމެއް ކަމަށް ކަމުގެ މަހިރުން ދެކެއެވެ.
އެހެންކަމުން ދުނިޔޭގެ ގިނަ ޖިމްތަކުގައި މިފަދަ ކަސްރަތުތައް ކުރާއިރު ބޫޓު ބޭލުމަކީ އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. ނަމަވެސް ހިތަދޫ ޔޫތު ސެންޓަރުގެ ޖިމްގައި އެއްވެސް ހާލަތެއްގައި ބޫޓު ބޭލުން މަނާކޮށްފައި އޮންނަ އޮތުމަކީ، ކަސްރަތުކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ނުތަނަވަސްކަމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން، ޖިމް ހުޅުވާފައި ހުންނަ ގަޑިތައް މަދުވުމަކީވެސް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ޖިމަށްދާ ޒުވާނުން ބުނާ ގޮތުގައި، މެންދުރުފަހުގެ ވަގުތުތަކުގައި ޖިމް ބަންދުކޮށްފައި ހުރުމާއި، ރޭގަނޑު 10:00 ގައި ޖިމް ބަންދުކުރުމުގެ ސަބަބުން، ތަފާތު ވަޒީފާތަކާއި ޝެޑިއުލްތަކުގައި އުޅޭ ޒުވާނުންނަށް ޖިމަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެއެވެ. ބައެއް ޒުވާނުންނަކީ ރޭގަނޑު ތަންކޮޅެއް ލަހުން ކަސްރަތުކޮށްލަން ބޭނުންވާ ބަޔަކަށް ވީނަމަވެސް، އެ ފުރުސަތު މިހާރު އޮތް އިންތިޒާމުތަކުގެ ތެރެއިން ނުލިބޭ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
އިދާރީ އުސޫލުތަކުގެ އިތުރުން، ޖިމްގެ މުވައްޒަފުންގެ ފަރާތުން ފެންނަ އަމަލުތަކަކީވެސް ޒުވާނުންނަށް އޮތް ބޮޑު މާޔޫސްކަމެކެވެ. ޖިމްގައި ތިބޭ ދެ މުވައްޒަފުންނަކީ އިންސްޓްރަކްޓަރުންގެ ގޮތުގައި ތިބެންޖެހޭ ބައެއް ނަމަވެސް، އެ މީހުން ޖިމްގެ އެތެރެއިން ފެންނަނީ ވަރަށް މަދުން ކަމަށް ޖިމަށްދާ ޒުވާނުން ބުނެއެވެ. އަދި ބައެއް ފަހަރު މުވައްޒަފުންގެ ފަރާތުން ހަރުކަށި ބަސްމަގު އިވި، ޖިމަށްދާ ޒުވާނުންނަށް އިންޒާރުދިނުން ފަދަ ކަންކަން ކުރިމަތިވާ ކަމަށްވެސް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ. ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރަން ހުރި މަރުކަޒަކުން މިފަދަ ކަންކަން ފެނުމަކީ، އެތަނުގެ ހަގީގީ މަގުސަދު ގެއްލި، ޒުވާނުން އެތަނާ ދުރުވާން މެދުވެރިވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މަހުއެއި ތެދައް ހަމަ އެތަނި ތިބޭ ކޮހާ މެން ހީކެރަނީ ތިމާމެން މީ އާނޯލްޑް ކަމައް