ޚަބަރު
އައްޑޫއަށް ވައިޓް އެލާޓް ނެރެފި
އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ ހަތަރު އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، މި އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 5:45 އިން ފެށިގެން މިރޭ 11:45 އާ ހަމައަށެވެ. މި އެލާޓްގެ ދަށުގައި ހިމެނެނީ ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީއެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި، މި ވަގުތުގެ ތެރޭގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ. މީގެ އިތުރުން، ވިލާގަނޑުގައި ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު މެންދުރު ފަހުން ފެށިގެން އައްޑޫ ސިޓީއަށް އަންނަނީ މެދުކެނޑުމެއް ނެތި ވާރޭ ވެހެމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް އެލާޓް ނެރެފައިވާއިރު، މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ވެސް އައްޑޫ ސިޓީއަށް ވަނީ ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ ގެއަށް އަސަރުކޮށްފައިވެއެވެ. މީގެ ތެރެއިން ފޭދޫގެ 95 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ބައެއް އާއިލާތައް ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ. އެ ހާދިސާއާ ގުޅިގެން ފެން ހިއްކުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުން ވަނީ ހަރަކާތްތެރިވެފައެވެ.