އައްޑޫ ޝަރީފްގެ މާލިމީ ކަމުގައި ބީއެމްއެލް ފޯބްސްގެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓަށް

ފޯބްސްގެ ލިސްޓުގައި ބީއެމްއެލް ހިމެނިގެންދިޔައީ ސީއީއޯ މުހައްމަދު ޝަރީފްގެ ހިންގުންތެރިކަމުގެ ދަށުން ހޯދި ބޮޑު ކާމިޔާބީއަކާއެކު

ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭނާ އަކީ އައްޑޫ ސިޓީ ހިތަަދޫއަށް ނިސްބަތްވާ ބޭފުޅެއް. ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭނާ އަކީ އައްޑޫ ސިޓީ ހިތަަދޫއަށް ނިސްބަތްވާ ބޭފުޅެއް. ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ މާލީ ދާއިރާއަށް މިއީ އާދަޔާހިލާފު އުފާވެރިކަމެއް މިވަނީ ލިބިފައެވެ. ދުނިޔޭގެ ނަން މަޝްހޫރު މާލީ އިދާރާތަކާ އެއް ސަފެއްގައި ރާއްޖޭގެ ގައުމީ ބޭންކު ފައިތިލަ ސާބިތުކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫނެވެ. 

މާލީ ކަންތަކާއި ގުޅޭ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފޯބްސް މަޖައްލާއާއި މާކެޓް ރިސާޗް ފާމް "ސްޓެޓިސްޓާ" ގުޅިގެން އެކުލަވާލި "ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026" ގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވަނީ ޖާގަ ލިބިފައެވެ. މިއީ ދުނިޔޭގެ 89 ގައުމަކުން 500 ބޭންކު ވަޒަންކުރުމަށްފަހު އެކުލަވާލި ލިސްޓެކެވެ. މި ލިސްޓުގައި ބޭންކުތައް ހަ ގިންތިއަކަށް ބަހާލާފައިވާއިރު، ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް 3 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ގިންތީގައެވެ. 

މިއީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފްގެ ހިންގުންތެރިކަމުގެ ދަށުން ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ތާރީހީ ކުރިއެރުމެކެވެ. ޖޭޕީ މޯގަން ޗޭސް އަދި އެޗްޑީއެފްސީ ފަދަ ބޮޑެތި ބޭންކުތައް އެންމެ މަތީ ގިންތީގައި ހިމެނޭއިރު، ބީއެމްއެލް ވަޒަންކޮށްފައިވަނީ އެ ބޭންކާ އެއް ފެންވަރެއްގެ ބައިނަލްއަގުވާމީ އިދާރާތަކާ އަޅައިކިޔައިގެންނެވެ.

މި ބޮޑު ކާމިޔާބީގެ ފަހަތުގައި ހުންނެވި އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު ޝަރީފެވެ. އޭނާ އަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭގެ ތެރެއިން ހަތް އަހަރަށްވުރެ ގިނަ ދުވަސް އޭނާ ހޭދަކުރައްވާފައިވަނީ ބޭންކުގެ އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައެވެ. އިސްލާމިކް ބޭންކިން، ޓެކްނޮލޮޖީ، މާކެޓިން، ރީޓެއިލް ބޭންކިން އަދި އޮޕަރޭޝަންސް ފަދަ މުހިންމު ޑިޕާޓްމަންޓްތައް އޭނާ ވަނީ ބަލަހައްޓަވާފައެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާއިން އެމްބީއޭ ހާސިލުކުރައްވައި، ލަންޑަން ބިޒްނަސް ސްކޫލްގެ ސީނިއާ އެގްޒެކެޓިވް ޕްރޮގްރާމް ފުރިހަމަކުރައްވާފައިވާ ޝަރީފް ވަނީ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ) ގެ ވައިސް ޗެއާމަންކަން 2018 އިން 2020 އަށް، އަދި 2025 ވަނަ އަހަރުވެސް ކުރެއްވުމަށްފަހު، 2026 ވަނަ އަހަރުގެ ޖުލައި މަހު އޭނާ ވަނީ އެ ޖަމިއްޔާގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައެވެ. މިއީ މި ސަރަހައްދުގެ އެންމެ ބޮޑު އެއް ބޭންކިން ޖަމިއްޔާގެ އިސް މަގާމަކަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. ބީއެމްއެލްގެ 42 އަހަރުގެ ތާރީހުގައި އެ ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ފުރަތަމަ ދިވެއްސަކީވެސް އޭނާއެވެ.

ބީއެމްއެލްގެ ހިންގުން ޒަމާނީކޮށް، ޑިޖިޓަލް ބޭންކިންގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގައި ޝަރީފް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ކޯ ބޭންކިން ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ހިދުމަތް ތައާރަފުކުރުމުގެ އިތުރުން، އިންޓަނެޓް ބޭންކިން، މޮބައިލް ބޭންކިން، ސެލްފް ސާވިސް ބޭންކިން އަދި އީ-ކޮމާސް ޕޭމަންޓް ގޭޓްވޭތައް ފަދަ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގެ އިސް މޭސްތިރިއަކީ އޭނާއެވެ. މި ބަދަލުތަކާއެކު ބޭންކުގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، 2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ބީއެމްއެލްއަށް ވަނީ ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައެވެ. 

މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ (ސީއޭއާރު) ވަނީ 38 އިންސައްތައަށް އަރާފައެވެ. މިއީ ގާނޫނީ ގޮތުން ލާޒިމުކުރާ 12 އިންސައްތައަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ. ކަސްޓަމަރުންގެ ޑިޕޮސިޓް 42.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އަލަށް 12.1 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ 28 އިންސައްތައިގައި ހުރިއިރު، މިއީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ ރަނގަޅު އެއް ނަތީޖާއެވެ.

ފޯބްސްގެ މި ލިސްޓަކީ އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިދާރާތަކުގެ މާލީ ތަފާސްހިސާބުތަކާއި، ބޭންކުތަކުން އާންމުކޮށްފައިވާ ރިޕޯޓުތަކަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެކެވެ. މި ލިސްޓުގައި ބޭންކުތައް ވަޒަންކޮށްފައިވަނީ ފައިދާ ލިބޭ މިންވަރާއި، ކުރިއެރުމާއި، ރައުސްމާލުގެ ވަރުގަދަކަމާއި، އެސެޓްގެ ފެންވަރަށް ބަލައިގެންނެވެ. މީގެ ކުރިން ކަސްޓަމަރުންގެ ހިޔާލަށް ބިނާކޮށް ލިސްޓު އެކުލަވާލި ނަމަވެސް، މި އަހަރުގެ ލިސްޓު ބިނާކޮށްފައިވަނީ ސީދާ މާލީ ހިސާބުތަކަށެވެ. 

ޝަރީފް އާއި ހަވާލާދީ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިފަދަ ބައިނަލްއަގުވާމީ ރޭންކިންއެއްގައި ބީއެމްއެލް ހިމެނުމަކީ ބޭންކުގެ ވަރުގަދަކަމާއި ކަސްޓަމަރުން ކުރާ އިތުބާރު ޔަގީންކޮށްދޭ ކަމެކެވެ. 

“އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފުރިހަމަ އިތުބާރާއެކު ބޭންކިން ހިދުމަތް ހޯދޭނެކަމާއި، ހިއްސާދާރުންނަށް ބޭންކުން ހޯދައިދޭ ކުރިއެރުން މިވަނީ ސާބިތުވެފައި،” އޭނާ ވިދާޅުވިއެވެ. އަދި މުވައްޒަފުންނާއި ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް، ރާއްޖޭގެ އިގްތިސާދާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި ދެމިތިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބީއެމްއެލްއިން މިހާރު ތައްޔާރުވަމުން ދަނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ރާއްޖޭގައި ބާއްވާ އޭބީއޭގެ 42 ވަނަ އަހަރީ އާންމު ޖަލްސާއާއި ކޮންފަރެންސް ހޯސްޓްކުރުމަށެވެ. މި ކޮންފަރެންސްގައި އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުގެ ބޭންކުތަކުގެ އިސްވެރިން ބައިވެރިވާނެއެވެ.

ކޮމެންޓް 0