ޚަބަރު
ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބެޗުގައި 351 ބައިވެރިން
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ އަކީ ދިވެހި ވަތަނީ ހިދުމަތާ އަލަށް ގުޅޭ ބައިވެރިންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނެއް.
ދިވެހި ވަތަނީ ހިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް
ސަރވިސް އިނީޝަލް ޓްރޭނިންގ 4 ވަނަ ބެޗުގެ 351 ބައިވެރިން ތަމްރީނުތައް
ފުރިހަމަކުރުމަށް ފުރައިފިއެވެ.
ޅ. މާފިލާފުށީގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް
ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި 14 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި
ތަމްރީނު ބެޗުގައި، ރާއްޖޭގެ 20 އަތޮޅުން 126 ރަށަކަށް ނިސްބަތްވާ 287 ފިރިހެން
އަދި 64 އަންހެން ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ އަކީ ދިވެހި ވަތަނީ
ހިދުމަތާ އަލަށް ގުޅޭ ބައިވެރިންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނެކެވެ.
މި
ތަމްރީނުގައި، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ
ތަރުބިއްޔަތާއި އަހްލާގާއި، ސުލޫކު، ލީޑަރޝިޕް، އަދި ހަށިހެޔޮކަމުގެ އިތުރުން
ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން މި ޒުވާނުންނަށް
ތަމްރީނު ދެވޭނެއެވެ.
ދިވެހި ވަތަނީ ހިދުމަތަކީ ދިވެހި ގައުމިއްޔަތަށް
ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި
ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަހްލާގު ރަނގަޅު ހަރުދަނާ ޒުވާން
ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށައި ތަންފީޒުކުރަން ފެށުނު
ސިޔާސަތެކެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން
ދަސްވެނިވީ ޑިސެމްބަރު 2025ގައެވެ.