ޚަބަރު
އެމްޑީޕީގެ ޤައުމީ މަޖިލީހަށް އިއުޖާޒު ވާދަކުރަނީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނިންމައި، އެކަން އަލީ އިއުޖާޒު ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އައްޑޫގެ އިޖްތިމާއީ ހަރަކާތްތަކާއި އަދި އިޖްތިމާޢީ މައްސަލަތަކުގައި ވެސް ވަކާލާތުކުރަމުން އަންނަ އިއުޖާޒު އޭނާގެ ކެންޑިޑެސީ އިއުލާންކުރަމުން ބުނެފައިވަނީ، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ޒުވާނުންގެ އަޑު އެހުމުގެ ބަދަލުގައި އެ މީހުންނާ ގުޅޭގޮތުން ވާހަކަ ދެކެވޭ ކަމަށް ބުނެފައެވެ. އަދި އޭނާއާއި އެހެން ޒުވާނުން ވެސް އެކަން ތަޖުރިބާކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
“މިއީ އަޅުގަނޑުމެންގެ އަޑަކީ ހަމައެކަނި އިވިލާ އަޑަކަށް ވުމުގެ ބަދަލުގައި، އެންމެން އެކުގައި ކުރިއަށްދާންވީ ވަގުތު. އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ކެންޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑު ރަސްމީކޮށް މި ނުކުންނަނީ،” އިއުޖާޒުގެ ފޭސްބުކް ޕޯސްޓްގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޒުވާނުންގެ މުސްތަގުބަލު އަމިއްލައަކަށް ބިނާނުވާނެ ކަމަށާއި، އެހެންކަމުން އެންމެން އެކުގައި އެ މުސްތަގުބަލު ބިނާކޮށް، އެއީ މުހިންމު އެއްޗަކަށް ހެދުމަށް އޭނާ ގޮވާލިއެވެ. އިއުޖާޒުގެ މި އިއުލާނުގައި، ޕާޓީގެ އެތެރޭގައި ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރުމާއި ޒުވާނުންގެ ހަގީގީ ތަމްސީލުވުމެއް ގެނައުމަށް އޭނާ ވަނީ އިސްކަންދީފައެވެ. އޭނާގެ އަމާޒަކީ ޒުވާނުންގެ ކަންބޮޑުވުންތަކަށް އަމަލީ ގޮތުން ހައްލު ހޯދައިދިނުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް އޭނާގެ މެސެޖުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހު އެ ޕާޓީން ހުޅުވާލާފައިވާއިރު، ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އެމްޑީޕީން ބުނެފައިވާ ގޮތުގައި، މި އިންތިހާބުގައި ވާދަކުރެވޭނީ އޮކްޓޯބަރު 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އަދި ކެންޑިޑެސީ ފޯމު ހުށަހަޅަން ޖެހެނީ ޕާޓީގެ ޔެލޯ އެޕްލިކޭޝަން މެދުވެރިކޮށެވެ. މި އިންތިހާބުގައި ޒުވާނުންގެ ގޮފީގެ ރައީސްގެ މަގާމުގެ އިތުރުން، އެ ގޮފިން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެންބަރުންގެ މަގާމަށާއި، ރަށްރަށާއި ސިޓީތަކުގެ ދާއިރާތަކުގެ ޒުވާނުންގެ ސެކްރެޓަރީންގެ މަގާމަށް ވެސް މީހުން ހޮވާނެއެވެ. ޕާޓީގެ ގައުމީ މަޖިލީހުގެ ދައުރު ހަމަވެފައިވާއިރު، އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ބައެއް ކެންޑިޑޭޓުން މިހާރު ވަނީ ކެމްޕޭންގެ މަސައްކަތްތައް ފަށާފައެވެ.