ޚަބަރު
ބާޒާރުގައި ފަސް ރުފިޔާގެ ނޫޓު މަދުވުމުން އައު ސްޓޮކް ގެނެސްފި
އެމްއެމްއޭ އިން ބުނީ، މި ފަސް ރުފިޔާގެ ނޫޓާ އެކު މިހާރު ދައުރުވަމުންދާ ފަސް ރުފިޔާގެ ނޫޓު ވެސް ބޭނުންކުރަމުންދާނެ ކަމަށް.
ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން
ފަސް ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އައު ސްޓޮކެއް މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެނެސްފިއެވެ.
އެމްއެމްއޭ އިން ބުނީ، އިގްތިސާދުގައި ނަގުދު ފައިސާއަށް
އަލަށް އުފެދޭ ޑިމާންޑަށާއި އެ އޮތޯރިޓީއަށް ލިބޭ ނޫޓުގެ ތެރެއިން ބައުވެ ހަލާކުވެގެން
ނަގާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށް، ނޫޓު ޗާޕުކުރުމުގެ މަސައްކަތް އަބަދުވެސް
ކުރަމުންދާ ކަމަށެވެ.
އެގޮތުން، މިއަދު މި ގެނައި ފަސް ރުފިޔާގެ އައު ސްޓޮކަކީ،
2017 ވަނަ އަހަރު ފަސް ރުފިޔާގެ ނޫޓު ތައާރަފުކުރި ފަހުން މި ނޫޓު އަލުން ޗާޕުކޮށްގެން
ގެނައި ފުރަތަމަ ސްޓޮކު ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
ފަސް ރުފިޔާގެ ނޫޓަކީ ވިޔަފާރި މުއާމަލާތްތަކުގައި
ވިޔަފާރިތަކުން ގިނަ އަދަދަކަށް ބޭނުންކުރާ ނޫޓެއް ކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އެހެންނަމަވެސް، މި ނޫޓަކީ ބޭންކުތައް މެދުވެރިކޮށް އެ އޮތޯރިޓީއަށް އަނބުރާ
ޖަމާކުރާ މިންވަރު ވަރަށް ދަށް ނޫޓަކަށްވުމުން އެ އޮތޯރިޓީން ކޮންމެ އަހަރަކު އާންމުންނާއި
ބޭންކްތަކަށް މި ނޫޓު ގިނަ އަދަދަކަށް ދޫކުރަމުން ގޮސްފައިވާކަން ވެސް
އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
އަލަށް ގެނައި ފަސް ރުފިޔާގެ ނޫޓުގައިވާ ތާރީހަކީ 31
ޖުލައި 2025، 6 ޞަފަރު 1447 އެވެ. މި ނޫޓުގައި ސޮއިކުރައްވާފައި ވަނީ މޯލްޑިވްސް މަނިޓަރީ
އޮތޯރިޓީގެ ގަވަރުނަރު އަލްފާޟިލް އަޙްމަދު މުނައްވަރުއެވެ.
އަލުން ޗާޕުކޮށްގެން ގެނެސްފައިވާ ފަސް ރުފިޔާގެ ނޫޓު
މާދަމަ އިން ފެށިގެން، ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު،
މި ފަސް ރުފިޔާގެ މި އައު ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ
ކަމަށާއި، އެގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވާއަތްފަރާތުން
މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ،
މޫނުމަތީ އަގާއެކު ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނީ، މި ފަސް ރުފިޔާގެ ނޫޓާ އެކު މިހާރު
ދައުރުވަމުންދާ ފަސް ރުފިޔާގެ ނޫޓު ވެސް ބޭނުންކުރަމުންދާނެ ކަމަށެވެ.