ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުން 29 ފޮރިން އިންވެސްޓްމަންޓެއް އުވާލައިފި

29 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް އުވާލެވިފައިވާއިރު، އެ ސިޔާސަތުގެ ދަށުން ކޮމްޕްލަޔަންޓްވުމަށްޓަކައި 17 ފޮރިން އިންވެސްޓްމަންޓްއަކުން ވަނީ ހުށަހަޅާފަ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސަޢީދު ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސަޢީދު ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދިޔަ 29 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް ވަނީ އުވާލާފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރު އަމަލުކުރަން ފެށުނު ފޮރިން އިންވެސްޓްމެންޓް ގާނޫނާ ގުޅިގެން އެކުލަވާލެވުނު ސިޔާސަތުގެ ދަށުން، އަލަށް ކަނޑައެޅުނު ޝަރުތުތައް ފުރިހަމަކުރަންޖެހޭ 150 ފޮރިން އިންވެސްޓްމަންޓް ހިމެނޭ ކަމަށެވެ.

އަދި 29 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް އުވާލެވިފައިވާއިރު، އެ ސިޔާސަތުގެ ދަށުން ކޮމްޕްލަޔަންޓްވުމަށްޓަކައި 17 ފޮރިން އިންވެސްޓްމަންޓްއަކުން ވަނީ ހުށަހަޅާފައެވެ.

ބިދޭސީންނަށް ހަރަކާތްތެރިވުން މަނާކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، ރާއްޖޭއަށް އޮޕަރޭޓްކުރާ އެއާރލައިންތަކުގެ ޖެނެރަލް ސޭލްސް އޭޖެންޓްސް، ޕެސެންޖަރ ސޭލްސް އޭޖެންޓްސް އަދި ކާގޯ ސޭލްސް އޭޖެންޓްސް ހިމެނެއެވެ.

މީގެ އިތުރުން އެކައުންޓިންގ، އޮޑިޓިންގ އަދި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ފޮރިން އިންވެސްޓަރުންނަށް ހަރަކާތްތެރިވެވޭނީ 25 އިންސައްތަ ދިވެހިންގެ ހިއްސާ ހިމެނޭގޮތަށެވެ. އަދި، 100 މިލިއަން ޑޮލަރަށްވުރެ ދަށުގެ ރެޒިޑެންޝަލް ރިއަލް އެސްޓޭޓް ޕްރޮޖެކްޓްސް އަދި ޖެނެރަލް ސީ ޓްރާންސްޕޯޓުގެ ހިދުމަތްތައް ވެސް ވަނީ ދިވެހީންނަށް ހާއްސަކުރެވިފައެވެ.

ކޮމެންޓް 0