ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ އަދަދު %225 އިތުރުވެއްޖެ

2025 ވަނަ އަހަރު 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މި އަހަރުގެ މައުރަޒުގައި 780 ފަރާތަކުން ބައިވެރިވެފައިވާއިރު، މިއީ 225 އިންސައްތައިގެ ބޮޑު އިތުރުވުމެއް.

މިދިޔަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ދިވެހީން އުފައްދާ ތަކެތި އެއް ތަނަކުން ދައްކާލައި، އެ ތަކެއްޗަށް މާކެޓު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މުހިންމު ހަރަކާތެއް ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ މައުރަޒަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

އެގޮތުން، 2025 ވަނަ އަހަރު 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މި އަހަރުގެ މައުރަޒުގައި 780 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިއީ 225 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

މީގެއިތުރުން، މިދިޔަ އަހަރު 2،400 އައިޓަމް ބައިވެރިކުރިއިރު، މި އަހަރު އެ އަދަދު 100 އިންސައްތަ އިތުރުވެ، 4،800 އުފެއްދުން މައުރަޒުގައި ބައިވެރިކުރެވޭނެއެވެ.

މި އަހަރުގެ މައުރަޒު ހަތް ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މީގެ ތެރޭގައި އަލަށް ހިމެނި 'ވިޒިޓަރ އިކޮނޮމީ' އަދި 'އިންޓަރނޭޝަނަލް' ޑިސްޓްރިކްޓް ހިމެނެއެވެ. 

މި ފަހަރުގެ މައުރަޒުގެ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓުގައި 10 ރަށަކުން ބައިވެރިވެއެވެ. އަދި އިންޓަރނޭޝަނަލް ޑިސްޓްރިކްޓުގައި ޗައިނާގެ 15 ވިޔަފާރިއަކުން ކުދި ވިޔަފާރިތަކަށް ބޭނުންވާ ޓެކްނޮލޮޖީއާއި ޓޫލްސް ތައާރަފްކުރާއިރު، އިންޑިއާގެ 15 ފަރާތަކުން ވެސް ބައިވެރިވެއެވެ. އަދި ޔޫ.އޭ.އީގެ ފަރާތްތައް ބައިވެރިކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

ކޮމެންޓް 0