ޚަބަރު
ރާއްޖޭގެ ސަރަހައްދެއް ބޭރުގެ އަސްކަރިއްޔާއަކަށް ނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި
ބަޔާނުގައި ބުނީ، ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ، ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ހައްގެއް ކަމަށް.
ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް،
އެއްވެސް ހާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް
ދިވެހި ސަރުކާރުން ނުދޭނެކަމުގެ ޔަގީންކަން އަދުގެ ސަރުކާރުން ދީފިއެވެ.
ދިވެހި ސަރުކާރުން އެކަން ހާމަކޮށްފައިވަނީ މިއަދު
އާންމުކުރި ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ، ދިވެހިރާއްޖޭގެ ސަރަހައްދާއި
ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ،
ބަދަލުނުކުރެވޭނޭ، ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ހައްގެއް ކަމަށާއި، ދިވެހިރާއްޖޭގެ
ސަރަހައްދުގައި ހިމެނޭ ބައިނަލްއަގްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި
ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ސަރަހައްދު
ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން
ދިވެހިދައުލަތާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އަދި މި ހުދޫދުގެ ތެރެއިން،
ދިވެހިރާއްޖޭގެ ސަރަހައްދު ބަލަހައްޓައި ދިވެހިރާއްޖޭގެ މިނިވަންކަމާއި
ދިވެހިދައުލަތުގެ ސިޔާދަތު ރައްކައުތެރިކުރުމަކީ ދިވެހިން ވަރަށް ފަހުރުވެރިކަމާއެކު
ކޮށްފައިވާ އަދި ކުރަމުންގެންދާ ކަމެއް ކަމަށާއި، މިކަމަށް ދިވެހި ތާރީހު ހެކިދޭ
ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު، ދިވެހިރާއްޖެއަކީ
އިސްތިރާޖީގޮތުން ވަރަށް މުހިންމު ތަނެއްގައި ލައްވާފައިވާ ގައުމެއް ކަމަށާއި،
އަދި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ބައިނަލްއަގްވާމީ ވިޔަފާރީގެ
ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު އިންސައްތައެއް، ދުނިޔޭގެ
އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު ކަނޑުއޮޅިތަކެއްކަން
ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ސަރަހައްދު
އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދޭދިނުމަކީ ދުނިޔޭގެ ތެލުގެ އަދި
އެހެނިހެން ވިޔަފާރިތަކަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ހިދުމަތަކަށްވުމާއެކު،
އަދި މިއީ މިމޭރުމުން ދުނިޔެއާއި މި ސަރަހައްދުގެ ހަމަޖެހުމަށާއި އަމާންކަމަށް
ދިވެހިރާއްޖެއިން ކޮށްދޭ ވަރަށް މުހިންމު ހިދުމަތެއްކަންވެސް ބަޔާނުގައި
ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ސަރަހައްދާއި ކަނޑުއޮޅިތައް
ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ހަވާލުނުކުރުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި
ދިވެހި ދައުލަތުގެ ސިޔާދަތު ހިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ އެންމެ
މުހިންމު އެއް ސިޔާސަތު ކަމަށްވާއިރު، މި ސިޔާސަތަކީ މި ސަރަހައްދުގެ ހަމަޖެހުމާއި
ދުނިޔޭގެ ވިޔަފާރީގެ މުޢާމަލާތުތަކަށް ފަހި ވެއްޓެއް ގާއިމުކޮށްދިނުމަށް
ދިވެހިރާއްޖެއިން ގެންގުޅޭ އެހާމެ މުހިންމު ސިޔާސަތެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގްވާމީ
ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު
ހިމެނޭގޮތުން، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ
އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ
ދިވެހިރާއްޖޭގެ މިނިވަންކަމަށާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް
ކަމަށާއި، އަދި މި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް އަސަރުކުރާނޭ ކަމަކަށްވުމާއެކު
މިކަން މިގޮތަށް ނުކުރުމަކީ ދިވެހިސަރުކާރުގެ އަސާސީ ސިޔާސަތެއްކަމަށްވެސް
ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ސަރަހައްދުގެ
އެއްވެސް ބައެއް، އެއްވެސް ހާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް
ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގައި ސާފުކޮށް ބަޔާނުގައި
ބުނެފައިވާއިރު، އަދި، މިނޫން ގޮތަކަށް މޭރުންވެދާނޭ ފަދަޔަކުން ބޭރުގެ
ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް، އެއްވެސް ފަރާތަކުން ދައުވަތު
ނުދިނުމަށް ނިންމާލަމުން ބަޔާނުގައި ސަރުކާރުން އިލްތިމާސްކޮށްފައިވެއެވެ.