އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދެވަނަ މަސައްކަތު ބައްދަލުވުން ބާއްވައިފި

މިއަދުގެ ސެޝަން ހާއްސަކޮށްފައިވަނީ ޓީމު ބިނާކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރުތައް ތަރައްގީކުރުމުގެ މައްޗަށް.

"އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027" ގެ ދެވަނަ މަސައްކަތު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
"އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027" ގެ ދެވަނަ މަސައްކަތު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދަވާ "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027" ގެ ދެވަނަ މަސައްކަތު ބައްދަލުވުން ބާއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ސެޝަން ހާއްސަކޮށްފައިވަނީ ޓީމު ބިނާކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރުތައް ތަރައްގީކުރުމުގެ މައްޗަށެވެ.

"ޓީމް ބިލްޑިންގ އެންޑް ގްރޫޕް ޑައިނަމިކްސް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އަލްފާޟިލް ޠޯހާ ސަލީމެވެ. 

މި ސެޝަނުގައި، މުވައްޒަފުންގެ މެދުގައި ހަރުދަނާ ގޮތުގައި މުއާމަލާތު ކުރުމާއި އިތުބާރު އުފެއްދުމާއި މަސައްކަތުގެ މާހައުލުގައި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. 

މީގެއިތުރުން، ޓީމުތަކުގެ ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކާއި، މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި، މަސައްކަތުގެ ރޫހާއި ހިތްވަރު އާލާކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކުރުމާ ގުޅޭގޮތުންވެސް، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

"އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް" އަކީ ދައުލަތުގެ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ވެރިންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ދެ އަހަރު ދުވަހުގެ މުއްދަތަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމް ކުރިއަށްގެންދަނީ، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) އާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެންޑް ޕާލިމެންޓަރީ އެފެއާޒް އޮފީހުގެ ޕޮލިޓިކަލް އެޕޮއިންޓީސް ޕާފޯމަންސް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ޑިވެލޮޕްމަންޓް ސެކްޝަނުންނެވެ.

ކޮމެންޓް 0