ޚަބަރު
ވިއްކާ މުދަލުގައި އަގު ނުޖަހާނަމަ ފިޔަވަޅުއަޅަނީ
ވިޔަފާރި
ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ނުޖަހާ
ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި
ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން
ކުރި އިއުލާނެއްގައި ބުނީ، ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި
ހުންނަ ގިނަ އަދަދެއްގެ މުދަލުގައި މުދަ ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން
މުދަލުގެ އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ އެ ވުޒާރާ އަށް ލިބެމުންދާ
ކަމަށެވެ.
މުދާ
ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގައި
ބަޔާންކޮށްފައިވާ ފަދައިން، މުދަލުގެ އަގު ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް
މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެއްކަމަށް އެ ވުޒާރާއިން ވަނީ ހަނދާންކޮށްދީފައެވެ.
މުދަލުގައި
އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑު:
1. މުދަލުގެ އަގު ސީދާ އެ މުދަލެއްގައި
ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން.
2. އެ މުދަލެއް ބަހައްޓާފައި ހުރި
ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން
މުދަލެއްގެ އަގެއްކަން އެނގޭގޮތަށް ހުރުން.
އެހެންކަމުން،
މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި،
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް
އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން،
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ
ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން އަމަލުކުރޭތޯ
ބެލުމަށްޓަކައި، ވިޔަފާރިތައް އިންސްޕެކްޓްކޮށް މޮނީޓަރކޮށް، ގާނޫނާއި ހިލާފަށް
އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، ގާނޫނުގައިވާ ގޮތަށް ފިޔަވަޅު
އަޅަމުން ގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.