ދައުލަތުގެ އާމްދަނީ 31.5 ބިލިއަނުން މައްޗަށް؛ ތިން އިންސައްތައިގެ އިތުރުވުމެއް

މި ކުރިއެރުން މައިގަނޑު ގޮތެއްގައި އައިސްފައިވަނީ އިމްޕޯޓް ޑިއުޓީ އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ އާންމު ޓެކްސް (ޖީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން.

މާލީ ވުޒާރާ. ފޮޓޯ: ޕީއެސްއެމް
މާލީ ވުޒާރާ. ފޮޓޯ: ޕީއެސްއެމް

އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 31.566 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 30.634 ބިލިއަން ރުފިޔާއެވެ.

މި ކުރިއެރުން މައިގަނޑު ގޮތެއްގައި އައިސްފައިވަނީ އިމްޕޯޓް ޑިއުޓީ އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ އާންމު ޓެކްސް (ޖީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.

އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 18.3 އިންސައްތަ އިތުރުވެ، 2.757 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 2.331 ބިލިއަން ރުފިޔާގައެވެ.

ޖީޖީއެސްޓީ އާމްދަނީއަށް ވެސް 7.7 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާއިރު، އެއީ 4.375 ބިލިއަން ރުފިޔާއެވެ. މި ކުރިއެރުންތަކާއެކު، ޓެކުހުގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 7.4 އިންސައްތަ އިތުރުވެ، 24.394 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް ވަނީ ކުރިއެރުންތަކެއް ފެނިފައެވެ. ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.3 އިންސައްތަ އިތުރުވެ 5.798 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 1.542 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.565 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 9.1 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، މުދަލުން ލިބުނު އާމްދަނީ 12.3 އިންސައްތަ އިތުރުވެ 1.954 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 77 އިންސައްތަ އިތުރުވެ 515 މިލިޔަން ރުފިޔާއަށް އަރާފައެވެ.

ކޮމެންޓް 0