ރޯދަމަހަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 14 މިސްކިތެއް ހުޅުވޭނެ

އައްޑޫ ސިޓީ މީދޫގައި އިމާރާތް ކުރަމުންދާ މިސްކިތް. ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އައްޑޫ ސިޓީ މީދޫގައި އިމާރާތް ކުރަމުންދާ މިސްކިތް. ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ ކަމުގައި އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ވަނީ، މިސްކިތްތަކުގެ އަދާހަމަ ހިއްސާކޮށްދެއްވާފައެވެ. އެގޮތުން، ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި 14 މިސްކިތެއް ހުޅުވިގެންދާއިރު، އޭގެތެރޭގައި ހުޅުމާލޭގައި އަލަށް ހުޅުވޭ ދާއިމީ ތިން މިސްކިތެއް ހިމެނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ، މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ އަދާހަމަ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

މި މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިސްކިތްތައް އިމާރާތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބައެއް މިސްކިތްތައް ނިމުމުގެ މަރުހަލާގައި ވާއިރު، އެހެން ބައެއް މިސްކިތްތަކުގެ މަސައްކަތް އެކަށީގެންވާ ހަލުވި ދުވެލިގައި ކުރިއަށްދާ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

އޭގެތެރޭގައި، އައްޑޫ ސިޓީ މީދޫގައި ސަރުކާރުން ބިނާކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް 0