ޚަބަރު
ދަނޑުވެރިކަން ފުޅާވެގެން ދިއުމަކީ ބޭރު ފައިސާ ހިފެހެއްޓި، ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނޭ ކަމެއް: ރައީސް
ސަރުކާރުގެ އަމާޒަކީ، އެކަށައެޅިފައިވާ ބާވަތްތައް، އިމްޕޯޓްކުރުމާނުލައި، މި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވި.
ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ، ގައުމުގައި
ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނޭ
ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ
ގައުމީ ދަނޑުވެރިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި އާންމުކުރެވި މެސެޖުގައެވެ.
ދަނޑުވެރިންގެ ދުވަހަކީ، ކާބޯތަކެތީގެ
ރައްކާތެރިކަން، ގައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިގުތިސާދު ސިންދަފާތު
ކުރުމަށްޓަކައި، ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން
ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއްކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
"އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް،
ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން، ދަނޑުވެރިކަމުގެ ބާވަތްތައް
އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ، ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް."
ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި، ކާބޯތަކެތީގެ އަގުތަކަށް
އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ގައުމު
ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ
މުހިންމުކަން މިއަދު ހަނދާން ކޮށްދޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، އެކަށައެޅިފައިވާ ބާވަތްތައް،
އިމްޕޯޓްކުރުމާނުލައި، މި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް
ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމަށާއި، މި ރޮނގުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި
ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގުކޮށާދިނުމުގެ މުހިންމު
މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އަޒުމެއް ކަމަށްވެސް އެމަނިކުފާނު
ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުންވަނީ، ދަނޑުވެރިންގެ
ދުވަހު އުފާވެރި މުނާސަބަތުގައި، ދަނޑުވެރިންނާއި ދަނޑުވެރި އާއިލާތައް އަދި
މިސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާއާއި ހެޔޮ އެދުން ފޮނުއްވާފައެވެ.