މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމީ ވުޒާރާއާއި އުރީދޫ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

މި ފަހުމުނާމާގެ ސަބަބުން، ރާއްޖޭގައި މިސްކިތްތައް މަރާމާތުކުރުމާއި، ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން އެއާ ގުޅުންހުރި އެކި މަސައްކަތްތައް ސަރުކާރާއި އުރީދޫ ދެމެދު ގުޅިގެން އިންތިޒާމުކުރެވިގެންދާނެ.

މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމީ ވުޒާރާއާއި އުރީދޫ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑާ ދެމެދު، އުރީދޫގެ "މަސްޖިދުނާ ޕްރޮޖެކްޓް" ގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކުރުމާއި އަދި ތަރައްގީކުރުމުގެ ދާއިރާއިން އެއްބާރުލުން ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާއެއް (އެމްއޯޔޫ)ގައި ސޮއިކޮށްފިއެވެ.

މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ.

ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.

މި ފަހުމުނާމާގެ ސަބަބުން، ރާއްޖޭގައި މިސްކިތްތައް މަރާމާތުކުރުމާއި، ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން އެއާ ގުޅުންހުރި އެކި މަސައްކަތްތައް ސަރުކާރާއި އުރީދޫ ދެމެދު ގުޅިގެން އިންތިޒާމުކުރެވިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްއިން ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ހިންގާ "މަސްޖިދުނާ ޕްރޮޖެކްޓް" އިފްތިތާހުކޮށްފައިވަނީ ދިވެހިރާއްޖޭގައި އޮތް ދީނީގޮތުންނާއި އިޖުތިމާއީގޮތުން މުހިންމު ބިނާތަކުގެ އެހީތެރިކަމަށް އިސްކަންދީ، އިޖުތިމާއީ މުޖުތަމައުތަކަށް އެހީތެރިވެދިނުމުގެ މަގުސަދުގައެވެ. އަދި ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މިސްކިތްތަކުގައި ކުރަން ހުރި މަރާމާތުތައް ކޮށްދިނުމަށް މި މަޝްރޫއުގެ ދަށުން އިސްކަންދޭނެއެވެ.

ކޮމެންޓް 0