ސްޓެލްކޯގެ ދަށަށް ހިދުމަތްތައް ބަދަލުކުރުމަކީ ޔުޓިލިޓީ ހިދުމަތްތައް އެހެން ހަރުފަތަކަށް ގެންދިއުމަށް އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅެއް: އެމްޑީ އަޒުވަރު

އެމްޑީ އަޒުވަރު ދެއްކެވި ވާހަކައިގައި ވަނީ، ފެނަކައިން ދެމުންއައި ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މުހިއްމު ނިންމެވުމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. ފޮޓޯ: ސްޓެލްކޯ

ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އެމްޑީ ޑރ. އަޒުވަރު މިހެން ވިދާޅުވީ، ސްޓެލްކޯއިން ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ކުޅުދުއްފުށި ސިޓީ ގައި ބޭއްވި ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުންނެވެ.

އެމްޑީ އަޒުވަރު ދެއްކެވި ވާހަކައިގައި ވަނީ، ފެނަކައިން ދެމުންއައި ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މުހިއްމު ނިންމެވުމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ކުޅުދުއްފުށީގައި ބޭއްވި މިއަދުގެ ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ އެމްޑީ އަޒުވަރުއެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ. 

އެއަށްފަހު، ސްޓެލްކޯގެ އެމްޑީ އަޒުވަރާއި، ކުންފުނީގެ އިސްވެރިން ވަނީ ކުޅުދުއްފުށީ ސިޓީގެ އޮފީހާއި އިންޖީނުގެއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި، އިންޖީނުތަކުގެ ހާލަތާއި ކަރަންޓު އުފެއްދުމުގެ ނިޒާމު ހުރިގޮތް ވަނީ ބައްލަވާލައްވާފައެވެ.

ސަރުކާރުގެ މި މުހިއްމު ބަދަލާ އެކު ސްޓެލްކޯ އިން އަތޮޅުތެރެއިން އެންމެ ފުރަތަމަ ކަރަންޓްގެ ހިދުމަތާ ހަވާލުވީ ރާއްޖޭގެ އެންމެ ދެކުނުން އައްޑު އާއި ފުވައްމުލަކު ސިޓީގެ ކަރަންޓްގެ ހިދުމަތާއެވެ.

ކޮމެންޓް 0