ޚަބަރު
މުދާއުފުލާ އަދި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
ސްކޫލް އޮންނަ ދުވަސްތަކުގައި ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި، ސްކޫލް ސަރަހައްދުތަކުގައި މިފަދަ އެއްވެސް އުޅަނދެއް ދުއްވުމާއި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް ވުޒާރާއިން ބުނެފައިވޭ.

މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދު
ދުއްވާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން، ވަކި ގަޑިތަކެއްގައި
ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި
ބަޔާންކޮށްފައިވާ ގޮތުގައި، ހެނދުނު 6:00 އިން 8:30 އަށް، 350 ކިލޯއަށްވުރެ މަތީގެ
މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު
އުޅަނދުތައް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގައާއި،
ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން ވަނީ
މަނާކޮށްފައެވެ.
އަދި ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި
މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން
ވަނީ މަނާކޮށްފައެވެ.
މީގެއިތުރުން، ސްކޫލް އޮންނަ ދުވަސްތަކުގައި ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ
ގަޑިތަކުގައި، ސްކޫލް ސަރަހައްދުތަކުގައި މިފަދަ އެއްވެސް އުޅަނދެއް ދުއްވުމާއި
މުދާ އުފުލުމަކީ މަނާކަމެއް ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
އަދި މި އުސޫލާ ހިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ
ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.