ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން ވޯލްޑް ބޭންކާއި އައިއެމްއެފްއިން ބަލައިގެންފި

މާލީ ވަޒީރު ޙަސަން ޒަރީރު (ކ) އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މުޙައްމަދު މާއިތުއާއެކު ބޭއްވި ބައްދަލުވުން. ފޮޓޯ: މާލީ ވުޒާރާ
މާލީ ވަޒީރު ޙަސަން ޒަރީރު (ކ) އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މުޙައްމަދު މާއިތުއާއެކު ބޭއްވި ބައްދަލުވުން. ފޮޓޯ: މާލީ ވުޒާރާ

ދިވެހިރާއްޖެ އަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކުން އަރައިގަނެ، މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ބަލައިގަނެ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކުން އެ މަސައްކަތްތަކަށް ތައުރީފުކޮށްފިއެވެ.

ބައިނަލްއަގްވާމީ މާލީ ދެ އިދާރާއިން މިކަން ހާމަކޮށްފައިވަނީ، ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ރާއްޖޭގެ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު އާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

އެގޮތުން، ވޯލްޑް ބޭންކް ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުލްޢަޒީޒް އަލް މުއްލާގެ އިތުރުން، އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މުޙައްމަދު މާއިތުއާ ވަކިވަކިން ވަޒީރު ބައްދަލުކުރެއްވިއެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ރާއްޖޭގެ މާލީ ހާލަތު ހަރުދަނާކޮށް އިގުތިސާދު ވަރުގަދަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި، އެކަމުގައި ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށެވެ.

މީގެއިތުރުން، މި ބައްދަލުވުންތަކުގައި، ދާދިފަހުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގއަށް އައިސްފައިވާ ހެޔޮ ބަދަލު ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގްވާމީ މާލީ އިދާރާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެ ދެ ބޭފުޅުންވެސް ވަނީ ތައުރީފުކުރައްވާފައެވެ.

ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިންގ ދޭ އޭޖެންސީތަކުން ރާއްޖޭގެ ރޭޓިންގ މަތިކުރުމަށް ނިންމީ، ކުރުމުއްދަތުގައި ޑިފޯލްޓް ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާކަމަށް ގަބޫލުކުރެވޭތީ ގެނައި ބަދަލެކެވެ.

މީގެއިތުރުން، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާގެ މިންވަރު އިތުރުވުމާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ބައިލެޓަރަލް ފަރާތްތައް މެދުވެރިކޮށް ލިބޭ އެއްބާރުލުން މެދުނުކެނޑި ލިބެމުންދިއުން ވެސް މި ރޭޓިންގ މަތިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެޔާއެކު، ސަރުކާރުން މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލާފައިވާ ސިޔާސަތުތަކުގެ ހަރުދަނާކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް 0