ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެ ފަރުދެއްގެ އަދި މުޖުތަމައުގެ މަތިވެރި ޒިންމާއެއް: ރައީސް

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި، ކޮންމެ ފަރުދަކަށްމެ ރައްކާތެރި، ފައިދާހުރި އަދި އަގުހެޔޮ ކާބޯތަކެތި ފަސޭހަކަމާއެކު ލިބޭނެފަދަ އީޖާދީ، ހަރުދަނާ އަދި ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރާކަމަށް އެމަނިކުފާނު ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.

ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެ ފަރުދެއްގެ އަދި މުޅި މުޖުތަމައުގެވެސް މަތިވެރި ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައެވެ.

ރާއްޖޭގެ ކާބޯތަކެތި އުފެއްދުމުގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން މެނުވީ، ދިވެހި ކޮންމެ ރައްޔިތަކަށް ފައިދާހުރި، ހެޔޮއަގުގައި ލިބޭނެ ދެމެހެއްޓެނިވި ކާނާގެ ޔަގީންކަން ހޯދައިނުދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި، ކޮންމެ ފަރުދަކަށްމެ ރައްކާތެރި، ފައިދާހުރި އަދި އަގުހެޔޮ ކާބޯތަކެތި ފަސޭހަކަމާއެކު ލިބޭނެފަދަ އީޖާދީ، ހަރުދަނާ އަދި ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވަނީ، މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކާއި ކުރާ އިންވެސްޓްމަންޓްތަކަކީ އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަންކަންކަން ހަނދާންކޮށްދޭ މުހިންމު މެސެޖެއްކަމަށް ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ޒަމާނީ އީޖާދުތަކަށް އިސްކަންދީ، ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން ފުޅާކޮށް، ގުދުރަތީ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަކީ، ކާބޯތަކެތީގެ ފުދުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ އަދި ފާގަތި މުސްތަގުބަލެއް ކަށަވަރުކުރުމަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

ޖަޒީރާ ގައުމަކަށް ދިވެހިރާއްޖެ ވީހިނދު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގައުމީ ސަލާމަތާއި އިގުތިސާދީ ދެމެހެއްޓެނިވިކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވުމަށްޓަކައި ދަނޑުވެރިންނާއި މަސްވެރިން ބާރުވެރިކުރުވައި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބިންގާ ކަމުގައިވާ ނާޒުކު ތިމާވެއްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން މުހިންމު ސިޔާސަތުތަކެއް ތަންފީޛުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި އަގު އަދާކުރުން ކަށަވަރުކުރުމާއި، މަސް ރައްކާކުރުމާއި ޕްރޮސެސްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ފުޅާކުރުމުގެ އިތުރުން، މި ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އެކި ފިޔަވަޅުތައް އަޅަމުންގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ދަނޑުވެރިކަން ތަރައްގީކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން، ރާއްޖޭގެ އެކި ރަށްރަށުގައި ހާއްސަ މަޝްރޫއުތަކެއް ފަށާފައިވާއިރު، ރަށްރަށުގެ ބިންތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، ރަށްރަށުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ތާޒާ މޭވާއާއި ތަރުކާރީ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، ދަނޑުވެރިންނަށް އިގުތިސާދީ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ހާއްސަ އިސްކަމެއްދޭކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކޮށް، މަސްވެރިންނާއި ދަނޑުވެރިންގެ އުފެއްދުންތަކަށް ފަހި މާކެޓްތަކެއް ހޯދައިދިނުމުގެ އިތުރުން، ދަނޑުވެރިކަމުގެ ސިނާއަތަށް އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ޒަމާނީ އީޖާދުތަކާއި ދިވެހި އުފެއްދުންތެރިންގެ ތަޖުރިބާއަކީ ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް، ބޭރުގެ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅޭނެ މުހިންމު ބާރެއް ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ދެމެހެއްޓެނިވި އަދި ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ދަނޑުވެރިންނާއި މަސްވެރިން އަދި އެފަރާތްތަކުގެ ޢާއިލާތަކުގެ ބާރުވެރިކަން އިތުރުކޮށް، ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި، ކޮންމެ އާއިލާއަކަށްވެސް ފައިދާހުރި ކާބޯތަކެތި ފަސޭހަކަމާއެކު ލިބޭނެ ފަދަ ތަނަވަސް ގައުމެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކުން އަތުގުޅާލައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް 0