އިންޑިއާގެ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ދެއްކުން ފަސްކޮށްދީފި

ރައީސް ޑރ. މުޢިއްޒާއެކު އިންޑިއާގެ ބޮޑުވަޒީރު މޯދީ. ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޢިއްޒާއެކު އިންޑިއާގެ ބޮޑުވަޒީރު މޯދީ. ފޮޓޯ: ރައީސް އޮފީސް

ރިޒާވް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ރާއްޖެއިން ނަގާފައިވާ 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އެ ގައުމުން އިތުރުކޮށްދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް އެ ގައުމުން ނިންމީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

މި ފެސިލިޓީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާ ދެމެދު ސޮއިކުރެވުނު 'ސާކް ކަރަންސީ ސްވޮޕް އެރޭންޖްމަންޓް' ގެ ދަށުން ހަމަޖައްސައިދީފައިވާ ފެސިލިޓީއެކެވެ. މި އެއްބަސްވުމުގެ ދަށުން 30 ބިލިއަން ރުޕީސްގެ ފުރަތަމަ ބައި ދިވެހި ސަރުކާރަށް ދޫކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ގައެވެ.

2024 އިން 2027 އަށް އެކުލަވާލާފައިވާ އޮނިގަނޑުގެ ދަށުން ދޫކުރެވޭ މި ކަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން، އިންޓްރެސްޓް ރޭޓާއި އެހެނިހެން މާލީ ޝަރުޠުތަކުން ރާއްޖެއަށް ބޮޑެތި ލުއިތަކެއް ލިބިގެންދެއެވެ. 2012 ވަނަ އަހަރު މި އޮނިގަނޑު ތައާރަފުކުރި ފަހުން، އިންޑިއާގެ ރިޒާވް ބޭންކުން ވަނީ ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ޢަދަދެއްގެ މާލީ އެހީތެރިކަން ސްވޮޕް ފެސިލިޓީގެ ގޮތުގައި ރާއްޖެއަށް ފޯރުކޮށްދީފައެވެ.

މި ކަރަންސީ ސްވޮޕް ފެސިލިޓީގެ އިތުރުންވެސް، ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެޜަރީ ބޮންޑު ގަނެފައެވެ. 

މީގެއިތުރުން، އިންޑިއާއިން ގަނެފައިވާ 150 މިލިއަން ޑޮލަރުގެ ތިން ޓީ-ބިލަށް ދައްކަންޖެހޭ ފައިސާ ދިވެހިރާއްޖެއިން މިހާރު ދައްކައި ޚަލާޞްކޮށްފައިވާއިރު، އެ ބިލްތަކަށް އަރާފައިވާ 42.8 މިލިއަން ޑޮލަރުގެ އިންޓަރެސްޓް އިންޑިއާ ސަރުކާރުން ވަނީ މަޢާފުކޮށްދީފައެވެ. މި ކަރަންސީ ސްވޮޕް ފެސިލިޓީގެ އިތުރުން ޓީ-ބޮންޑާއި ޓީ-ބިލްތަކަކީ ރާއްޖޭގެ މާލީ ހަމަޖެހުމާއި އިޤްތިޞާދީ ވިލުންވެރިކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ މާލީ ވަސީލަތްތަކެކެވެ.

އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތާއި، ސަރަޙައްދީ ސަލާމަތާއި ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ 'މަހާސާގަރު' ތަޞައްވުރުގެ ދަށުން ދިވެހިރާއްޖެއަށް ދެވިފައިވަނީ ޚާއްޞަ އިސްކަމެކެވެ.

އެހެންކަމުން، ގާތް އެކުވެރިއެއްގެ ގޮތުގައި ދެމިއޮވެ، ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމުގައި އިންޑިއާއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެއެވެ. ހާއްސަކޮށް، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެއްބަސްވެވުނު 'އިޤްތިޞާދީ އަދި ކަނޑުގެ ސަލާމަތީ ރައްކާތެރިކަމުގެ ފުރިހަމަ ބައިވެރިވުން' އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުންވެސް މަސައްކަތްކުރަމުން ގެންދާނެއެވެ.                    

ކޮމެންޓް 0