އައްޑޫ މީދޫގެ ދަނޑުވެރިކަން ކުރިއަރުވަން މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި
މަސްވެރިކަމާ ދަނޑުވެރިކަމާއި، ކަނޑުގެ
ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި އެކު އައްޑޫ މީދޫ ކައުންސިލުން މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ދަނޑުވެރިންގެ
ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި، އައްޑޫ މީދޫ
ކައުންސިލުން އިންތިޒާމުކޮށްގެން މިރޭ ބޭއްވީ ހާއްސަ ޖަލްސާގައެވެ. މި ޖަލްސާ
ޝަރަފުވެރިކޮށްދެއްވީ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި މުހިންމު އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން
ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ހަސަން ދީދީއެވެ. އަދި މީދޫ ކައުންސިލްގެ
ފަރާތުން ކައުންސިލްގެ ރައީސް އަހުމަދު ޝާތިރުއެވެ.
އައްޑޫ މީދޫ ކައުންސިލާއެކު ވުޒާރާއިން
އެއްބަސްވެފައިވާ މުހިންމު ތިން އެއްބަސްވުމަކީ:
- މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޝަން ލެބެއް ގާއިމް ކުރުމަށް ވެވުނު
އެއްބަސްވުން.
- މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުމާގުޅޭ ގޮތުން ވެވުނު
އެއްބަސްވުން.
- މީދޫގައި އެގްރޮފޮރެސްޓްރީ ދަނޑެއް ގާއިމު ކުރުމަށްޓަކައި ދެފަރާތުން
ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ވެވުނު އެއްބަސްވުން.
މީގެތެރެއިން، ކޮކޮނަޓް ޕެސްޓް ރިހިބިލިޓޭޝަން
ލެބުގެ އެއްބަސްވުމުގެ ދަށުން މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޭޝަން ލެބެއް ގާއިމުކުރުމަށް
ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު
ފޯރުކޮށްދިނުމުގައި ވުޒާރާގެ ފަރާތުން އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ގްރީންހައުސްތަކެއް ހަދިޔާކުރުމާގުޅޭ ގޮތުން ވެވުނު އެއްބަސްވުމުގެ ތެރެއިން މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުމަށް
ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު
ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެރަށުގައި އެގްރޮފޮރެސްޓްރީ ދަނޑެއް ގާއިމު
ކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން ވުޒާރާގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ
އެއްބަސްވެފައެވެ.
މީގެކުރިން، އެގްރޮފޮރެސްޓްރީ ދަނޑުތައް
ގާއިމުކުރުމަށް ދިހަ ރަށަކާއިއެކުވަނީ ވުޒާރާއިން އެއްބަސްވުންތަކެއްގައި
ސޮއިކޮށްފައެވެ.