ގައުމުގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމެއް: ވަޒީރު ޝިޔާމް

ގައުމުގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމެއް: ވަޒީރު ޝިޔާމް

ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކީ، ގައުމުގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުން ކަމަށާއި، މިއީ ހަމައެކަނި އިގުތިސާދީ ކަމެއްގެ އިތުރުން ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ، ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި، އައްޑޫ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ރޭ ބޭއްވީ ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކައިގައިވަނީ، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން މެރިކަލްޗަރ އިން ކަމުގައިވީނަމަވެސް ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރައްވާފައެވެ.

"ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރާ ވާހަކައަކީ މިއީ، އަޅުގަނޑު މި ދެންނެވިހެން މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާވެސް ގުޅޭ ވާހަކައެއް." ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން، ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެންމެ ރަނގަޅަށް ކުރަންޖެހޭ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ޒަމާނީ ފެންވަރެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތައުލީމާއި ތަމްރީނުގެ އިތުރުން، ޒަމާނީ ވަސީލަތްތަކާއި މާލީ އެހީތެރިކަން ކޮންމެހެން ބޭނުންވާކަމަށާއި، މިކަމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއާމެދު އާންމުން ދެކޭގޮތް ބަދަލުވެގެންދާނެ ކަމަށްވެސް ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް 0