އައިޕީސީސީގެ 65 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

މި ސެޝަނުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އައިޕީސީސީގެ ހަތްވަނަ އެސެސްމަންޓް ރިޕޯޓް (އޭއާރް7) އެކުލަވައިލުމުގައި ހިއްސާވާ ތިން ވާކިން ގްރޫޕުގެ މަސައްކަތުގެ ތާވަލުތަކާއި މަސައްކަތުގެ ޕްލޭންތައް ކަނޑައެޅުމާ ގުޅޭގޮތުން.

އައިޕީސީސީގެ 65 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ މައި ޖަމްއިއްޔާ، އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ 65 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަން އެންޑް އެނާރޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އެވެ.

މި ސެޝަނުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އައިޕީސީސީގެ ހަތްވަނަ އެސެސްމަންޓް ރިޕޯޓް (އޭއާރް7) އެކުލަވައިލުމުގައި ހިއްސާވާ ތިން ވާކިން ގްރޫޕުގެ މަސައްކަތުގެ ތާވަލުތަކާއި މަސައްކަތުގެ ޕްލޭންތައް ކަނޑައެޅުމާ ގުޅޭގޮތުންނެވެ. 

މީގެ އިތުރުން ބަޖެޓް މުރާޖާކުރުމާއި، އިދާރީ އަދި އިޖުރާއީ މުހިންމު ކަންކަމުގެ އިތުރުން، އައިޕީސީސީގެ މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑުވަމުންދާ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ދެނެގަތުމަށާއި، ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި ސައިންޓިފިކް ދިރާސާތަކާއި އެސެސްމަންޓްތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރާއްޖެއިން އަބަދުވެސް ފާހަގަކުރެއެވެ.

އަދި ސައިންޓިފިކް މައުލޫމާތުތައް ކުރިއެރުވުމާއި، ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، ސައިންސީ ދިރާސާތަކުގެ އަލީގައި ސިޔާސަތުތައް އެކަށައެޅުމަކީ މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށާއި، ޖަޒީރާ މުޖުތަމައުތަކުގެ ނާޒުކުކަން ކުޑަކުރުމަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކެއެވެ. ހަމައެއާއެކު، މުޅި ދުނިޔޭގެ ފެންވަރުގައި އަޅާ މޫސުމީ ފިޔަވަޅުތަކަކީ އިތުބާރު ހުރި ސައިންސީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަށަވަރުކުރުމަކީ ވެސް ރާއްޖެއިން މި ބައްދަލުވުމުގައި ބާރުއަޅާ މުހިންމު އެއް އަމާޒެވެ.

ކޮމެންޓް 0