"ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް" މަސައްކަތު ބައްދަލުވުމެއް އައްޑޫގައި ބާއްވައިފި

ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް އަމަލީ ގޮތުން ދަނޑުވެރިކަމުގެ ތަޖުރިބާ ހޯދައިދިނުމާއެކު ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.

"ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް" ގެ ތެރެއިން. ފޮޓޯ: ތިމާވެށްޓާ ބެހޭ ވުޒާރާ
"ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް" ގެ ތެރެއިން. ފޮޓޯ: ތިމާވެށްޓާ ބެހޭ ވުޒާރާ

"ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް" ގެ ދަށުން މަސައްކަތު ބައްދަލުވުމެއް އައްޑޫ ސިޓީގައި ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާފައިވަނީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި އައްޑޫ މީދޫ ކައުންސިލުން ވެސް ބައިވެރިވިއެވެ.

މި ޕްރޮގްރާމަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އެންހާންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީސީއާރުއެފްއެސް) މަޝްރޫއުގެ ދަށުން، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއާ ގުޅިގެން ހިންގާ ހަރަކާތެކެވެ. މި ޕްރޮގްރާމް ސްކޫލްތަކުގައި ތަންފީޒުކުރަނީ ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ. އައްޑޫ އަތޮޅުގައި މިޕްރޮގުރާމު ކުރިއަށްގެންދެވެނީ އައްޑު އަތޮޅު މަދަރުސާގަޔާއި ހިތަދޫ ސްކޫލްގައެވެ.

މި ޕްރޮގްރާމްގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުގެ ތިން ސްކޫލު ކަމުގައިވާ ޣާޒީ ސްކޫލް، ހިރިޔާ ސްކޫލް އަދި މުޙްޔިއްދީން ސްކޫލުގައި މިހާރުވަނީ ބަގީޗާ ތަރައްގީކުރެވިފައެވެ. މީގެ އިތުރުން ކުޅުދުއްފުށި ސިޓީގެ އަފީފުއްދީން ސްކޫލްގައި ބަގީޗާ ތަރައްގީ ކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.

މި މަސައްކަތު ބައްދަލުވުމުގައި އައްޑު އަތޮޅު މަދަރުސާގަޔާއި ހިތަދޫ ސްކޫލުން ޖުމްލަ 32 ދަރިވަރުންނާއި މުދައްރިސުންނާއި މުވައްޒަފުން ބައިވެރިވިއެވެ. މި މަސައްކަތު ބައްދަލުވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ޕްރޮގުރާމުތައް މެދުނުކެޑި ސްކޫލުތަކުގައި ހިންގޭނެ ދުރު ރާސްތާ ޕްލޭނެއް ތައްޔާރުކުރެވިގެންދާނެއެވެ. 

މީގެ އިތުރުން، އާރބަން ސަރަހައްދުތަކުގައި ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރެވިދާނެ ތަފާތު ގޮތްތަކާއި، މިފަދަ ޕްރޮގުރާމުތަކަށް ސްކޫލުގެ މާހައުލުގައި ދަރިވަރުންގެ އާއި މުދައްރިސުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންތަތްތަކާއި ސިއްހަތައް ފައިދާކުރުވަނިވި ކާނާގެ ބާވަތްތައް ބޭނުންކުރުމަށް ބާރުވެރިކުރުމަށް އެޅިދާނެ ފިޔަވަޅުތައް މަޝްވަރާކުރެވުނެވެ.

ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް އަމަލީ ގޮތުން ދަނޑުވެރިކަމުގެ ތަޖުރިބާ ހޯދައިދިނުމާއެކު ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމެވެ. 

އަދި ހަމައެއާއެކު، ކާނާގެ ނިއުޓްރިޝަނާއި ދުޅަހެޔޮ ކާނާގެ އިޚްތިޔާރުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމާއި، ޢަމަލީ މަސައްކަތުގެ ތެރެއިން ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީކޮށް، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުކުޅުތަކަށް އަހުލުވެރިކުރުވުމެވެ.  

އީސީއާރުއެފްއެސް މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި މުއައްސަސާތަކާއި ޢާންމު މުޖުތަމަޢުގެ ޤާބިލުކަން އިތުރުކުރުމެވެ. މި މަޝްރޫއުގެ ދަށުން ސްކޫލް ގާޑަން ޕްރޮގްރާމަކީ ރާއްޖޭގެ 5 ސްކޫލެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތެކެވެ.  

މި މަޝްރޫއަށް ހަރަދުކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރެޒިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކާއި، އޯޝަން ރެޒިލިއަންސް ކޯސްޓަލް އެޑަޕްޓޭޝަން ޓްރަސްޓް ފަންޑުގެ އެހީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. 

މިއީ ދަރިވަރުންގެ މެދުގައި މޫސުމީ ބަދަލުތަކަށް ހޭނުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އިތުރުން ތިމާވެށީގެ ތަޢުލީމު ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ މީދޫ ގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދެވުނު ހަރަކާތެވެ.

ކޮމެންޓް 0