އޭޑީބީގެ "ވިލުންވެށި" ޕްރޮގްރާމަށް ހިތަދޫ ސްކޫލް ހޮވިއްޖެ

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށްގެންދާ "ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް" އަށް ހޮވަނީ ރާއްޖެއިން 6 ސްކޫލެއް.

ހިތަދޫ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ހިތަދޫ ސްކޫލް
ހިތަދޫ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ހިތަދޫ ސްކޫލް

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށްގެންދާ "ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް" ހިންގުމަށް މުޅި ރާއްޖެއިން ހޮވި 6 ސްކޫލުގެ ތެރޭގައި ހިތަދޫ ސްކޫލް ހިމެނިއްޖެއެވެ. 

މިކަން އިއުލާންކޮށްފައިވަނީ އެ ސްކޫލުން ނެރުނު ބަޔާނެއްގައެވެ. 

މި ޕްރޮގްރާމަކީ 27.92 މިލިއަން ޑޮލަރުގެ "އެންހޭންސިންގ ކްލައިމެޓް ރެޒިލިއެންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް" ގެ ދަށުން ހިންގާ ހަރަކާތެކެވެ.  މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރަށްތަކަށް މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށްޓަކައި މުއައްސަސާތަކާއި މުޖުތަމައުގެ ގާބިލުކަން އިތުރުކުރުން ކަމަށް ކަމާބެހޭ ވުޒާރާތަކުން ބުނެއެވެ.

ހިތަދޫ ސްކޫލުން ބުނި ގޮތުގައި، މިއީ ތިމާވެއްޓަށް ކުދިން ހޭލުންތެރިކުރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުމުގެ މުހިންމުކަން އުނގަންނައިދިނުމަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެކެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ބާރުއެޅުމުގެ އިތުރުން، އަމަލީ ގޮތުން މަސައްކަތްކޮށްގެން ދަރިވަރުންނަށް އައު ތަޖުރިބާތަކެއް ހާސިލުކުރުމުގެ މަގު ފަހިވާނެ ކަމަށް އެ ސްކޫލުން ފާހަގަކުރެއެވެ.

"ވިލުންވެށި" ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ މޫސުމީ ބަދަލުތަކަށް ހޭނުމާއި، ސްކޫލް މާހައުލުގައި ދަނޑުވެރިކަމުގެ އާދަތައް އަށަގެންނެވުމެވެ. މި މަޝްރޫއުގެ ދަށުން ކޮންމެ ސްކޫލަކަށް ވެސް އެ ސްކޫލަކާ ގުޅޭ ދެމެހެއްޓެނިވި ޕްލޭނެއް އެކުލަވާލައި، ދަރިވަރުންނާއި މުދައްރިސުންގެ ބައިވެރިވުން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން މާލެ ސަރަހައްދުގެ 3 ސްކޫލެއްގައި މި ޕްރޮގްރާމްގެ ދަށުން ބަގީޗާތައް ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކޮމެންޓް 0