އެމްޑީޕީ ގައުމީ މަޖިލީހުގެ ގޮނޑިތައް ހިތަދޫއަށް ދޫކޮށްލަން މަރޭ ދެކޮޅު ހަދައިފި
ހުރިހާ ގޮނޑިއެއް ހިތަދޫއަށް ދޫކޮށްލަން ދެކޮޅުހަދައި، އިންތިހާބު ބޮއިކޮޓްކުރަން ފެންނަ ކަމަށް ވިދާޅުވި.
އެމްޑީޕީގެ ގައުމީ މަޖިލީހުން އައްޑޫ ސިޓީއަށް ކަނޑައަޅާފައިވާ ހަތަރު ގޮނޑިއަށް ހަމައެކަނި ހިތަދޫގެ ކެންޑިޑޭޓުން ހޮވުމާ ދެކޮޅަށް، އެ ސިޓީގެ އެހެން ރަށްރަށަށް ނިސްބަތްވާ އެ ޕާޓީގެ އާންމު މެންބަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
އެގޮތުން ސޯޝަލް މީޑިޔާގައި
އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގް (މަރޭ) ފާޅުކޮށްފައިވާ ޚިޔާލަށް ބަލާއިރު، ގައުމީ މަޖިލީހުގައި އައްޑޫ ތަމްސީލުކުރާ ހުރިހާ ގޮނޑިއެއް އެއް ރަށަކަށް ދިއުމަކީ މުޅި ސިޓީގެ މަސްލަހަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި މިއީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއާ ވެސް ފުށުއަރާ ކަމެއް ކަމަށް އޭނާ ސިފަކުރެއެވެ.
މި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މެންބަރުން ފާހަގަކުރި ގޮތުގައި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި، ޑެޕިއުޓީ މޭޔަރުކަމުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސާކަން ވެސް މިހާރު އޮތީ ހިތަދޫއަށް ނިސްބަތްވާ ފަރާތްތަކުގެ އަތްމަތީގައެވެ. އެ މަގާމުތައް ހިތަދޫއަށް ދޫކޮށްލީ ހިތުންރުހުމުން ކަމަށާއި، ލޯކަލް ކައުންސިލް އިންތިހާބުގައި އެ ކާމިޔާބީ ހޯދައިދިނުމަށް މައިނޯރިޓީ ރަށްރަށުން ވޯޓު ދިނީ އެ ރަށްރަށަށް ވެސް ފުރުސަތުތަކެއް ލިބޭނެ ކަމަށް ގަބޫލުކޮށްގެން ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
އެހެންކަމުން، ގައުމީ މަޖިލީހުގެ ގޮނޑިތައް ބަހާލާއިރު ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫއަށް ގޮނޑި ލިބޭނެ ފަދަ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް މަރޭ ވަނީ ބުނެފައެވެ. އަދި މިކަމަށް ހައްލެއް ނުލިބިއްޖެނަމަ، މި ރަށްރަށުގެ މެންބަރުން ގައުމީ މަޖިލީހުގެ އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށް މަރޭ ބުނެފައިވެއެވެ.
މަރާގެ ފޭސްބުކް ޕޯސްޓްގައި ވަނީ މި ނުތަނަވަސްކަމަށް ހައްލެއް ހޯދުމަށްޓަކައި، އައްޑޫގައި ތިއްބެވި އެމްޑީޕީގެ އިސް ލީޑަރޝިޕުން މަސައްކަތްކޮށްދިނުމަށް އެދިފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އައްޑޫގެ އެކި ރަށްރަށުގެ މެދުގައި ހަމަހަމަ ފުރުސަތުތަކެއް އޮތުމަކީ ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް މަރޭގެ އިތުރުން އެމްޑީޕީގެ އެހެން މެންބަރުން ދެކެއެވެ. ހާއްސަކޮށް، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރުމަށްޓަކައި ހުރިހާ ރަށެއްގެ ބައިވެރިވުން ކަށަވަރުކުރުމަށް ލީޑަރޝިޕްގެ އިސްނެގުން މުހިންމު ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.
އައްޑޫގެ ގިނަ ރައްޔިތުންނަކީ އެމްޑީޕީއަށް ތާއީދުކުރާ ބަޔަކަށް ވާއިރު، އެތެރޭގެ މައްސަލަތައް ހައްލުނުކުރެވިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ކުރިއަށް އޮތް ބޮޑެތި އިންތިހާބުތަކަށް ކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް މެންބަރުން ބުނެއެވެ. މި މައްސަލައާ ގުޅިގެން އެމްޑީޕީގެ އައްޑޫ ލީޑަރޝިޕުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.