އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުޅުދުއްފުށީ މޭޔަރުގެ ތާއީދު ފައްޔާޒަށް
ފައްޔާޒް، އައްޑޫއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި އާތިފް ވަނީ ބައިވެރިވެވަޑައިގެންފައި
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ
(އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް
އިސްމާއީލަށް، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ތާއީދުކުރައްވަން ނިންމަވައިފިއެވެ.
ފައްޔާޒަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމަށްފަހު،
އާތިފް ވަނީ ފައްޔާޒްގެ ކެމްޕެއިނާ ގުޅިވަޑައިގެންފައެވެ. އެގޮތުން ފައްޔާޒް އައްޑޫ
ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި އާތިފް ބައިވެރިވެވަޑައިގެން،
އައްޑޫގެ އެކި އަވަށްތަކުގައި ކުރިއަށްދާ ދޮރުން ދޮރަށް ހިންގުމުގެ ހަރަކާތްތަކުގައި
ދަނީ އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ.
މި އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި
ކުޅުދުއްފުށީ މޭޔަރުކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި އާތިފްއަކީ
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ސިޓީ ކައުންސިލްތައް ތަމްސީލުކުރައްވާ
މެންބަރު ވެސް މެއެވެ. ފައްޔާޒްގެ ކެމްޕެއިން ޓީމުން ބުނާ ގޮތުގައި، އާތިފްގެ ތާއީދު
ފައްޔާޒަށް ލިބިވަޑައިގަތީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށާއި ކައުންސިލްތައް ބާރުވެރިކުރުމަށް
ފައްޔާޒް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުންނެވެ.
ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް
ކުރެއްވި ފައްޔާޒް ގެންދަވަނީ އޭނާގެ ވެރިކަމެއްގައި ގެންނަން ބޭނުންވާ ނިޒާމީ ބަދަލުތަކާއި،
އިގުތިސާދީ ގޮތުން ރާވާފައިހުރި ކަންކަން ކެމްޕެއިން ބައްދަލުވުންތަކުގައި އާންމުންނާ
ހިއްސާކުރައްވަމުންނެވެ. މީގެ ތެރޭގައި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި
ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުން ހިމެނޭ ކަމަށް އެ ޓީމުން ފާހަގަކުރެއެވެ.
އުތުރުގެ އެންމެ އާބާދީ ބޮޑު ސިޓީގެ މޭޔަރުގެ ތާއީދު
ފައްޔާޒަށް ލިބިވަޑައިގަތުމަކީ ކެމްޕެއިނަށް ލިބުނު ކުރިއެރުމެއް ކަމަށް އެމްޑީޕީގެ
ބައެއް އާންމު މެންބަރުން ސޯޝަލް މީޑިއާގައި ފާހަގަކޮށްފައިވެއެވެ.
2028 ވަނަ އަހަރުގެ
ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އަންނަ އަހަރު ބޭއްވުމަށް
ހަމަޖެހިފައިވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާންކުރެއްވީ
ފައްޔާޒެވެ. އޭނާގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވާނެކަން ދެން އިއުލާންކުރައްވާފައި
ވަނީ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު
ޑރ. އަހުމަދު ޝަމްހީދުގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.