އައްޑޫ ސިޓީގައި "އާރުވެރި" މެޗިންގ ގްރާންޓްގެ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި
މި ސްކީމަކީ ވޯލްޑް ބޭންކުގެ އެހީގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ހިންގާ ޕްރޮގްރާމެއް.
އާރުވެރި މެޗިންގ ގްރާންޓް ސްކީމްއާ ގުޅޭގޮތުން މައުލޫމާތު
ދިނުމުގެ ހާއްސަ ސެޝަނެއް އައްޑޫ ސިޓީގައި ބާއްވައިފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ
ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން
އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ މި ސެޝަންގައި އެ
ސިޓީގެ ގިނަ އަދަދެއްގެ މަސްވެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ
އިތުރުން އަމިއްލަ ފަރުދުން ބައިވެރިވިއެވެ.
ވުޒާރާގެ ޓެކްނިކަލް ޓީމަކާއި ޓްރާންސްފޯމް ޕްރޮޖެކްޓްގެ
އޮފިޝަލުން މައުލޫމާތު ދިން މި ބައްދަލުވުމުގައި، ޕްރޮޕޯޒަލް ހުށަހަޅާނެ ގޮތާއި، އެޕްލިކޭޝަންތައް
އިވެލުއޭޓްކުރާނެ މިންގަނޑުތަކާ ގުޅޭގޮތުން ވަނީ ތަފްސީލީ އިރުޝާދުތަކެއް ދީފައެވެ.
އަދި ކުރިއަށް އޮތް މަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ގްރާންޓް ވިންޑޯތަކަށް ހާއްސަކޮށްފައިވާ
އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާނެ ގޮތުގެ މައުލޫމާތު ވެސް ބައިވެރިންނާ
ހިއްސާކުރިއެވެ.
މީގެ އިތުރުން، ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކާއި،
އެ ކަންކަން ހައްލުކުރުމަށް މި ގްރާންޓްގެ ތެރެއިން ލިބިދާނެ އެހީތެރިކަމާ ގުޅޭގޮތުން
ބައިވެރިންނާ ވަނީ މަޝްވަރާކޮށްފައެވެ.
މި ސެޝަންގެ މައިގަނޑު މަގުސަދަކީ، މި ސްކީމްގެ ދަށުން މާލީ އެހީތެރިކަން ހޯދުމަށް އައްޑޫގެ ވިޔަފާރިވެރިންނާއި މަސްވެރިންނަށް ހުރި ފުރުސަތުތައް އޮޅުންފިލުވައިދިނުމެވެ.
އާރުވެރި މެޗިންގ ގްރާންޓަކީ ޖުމްލަ 278 މިލިއަން ރުފިޔާގެ
ބަޖެޓަކާއެކު ކުރިއަށްގެންދާ ސްކީމެކެވެ. މި ސްކީމްގެ ދަށުން، ޝަރުތު ހަމަވާ ޕްރޮޖެކްޓްތަކުގެ
ޖުމްލަ ހަރަދުގެ 40 އިންސައްތައާ ހަމައަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދޫކުރުމަށް
ވަނީ ހަމަޖެހިފައެވެ. އެ ވުޒާރާއިން ބުނި ގޮތުގައި، ފާސްވާ ކޮންމެ ޕްރޮޖެކްޓަކަށް
1 މިލިއަނުން ފެށިގެން 30 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރާނެއެވެ.
މި ގްރާންޓް މައިގަނޑު 7 ދާއިރާއަކަށް އަމާޒުކޮށްފައިވާއިރު،
އޭގެ ތެރޭގައި ރާއްޖޭގައި ދަޅުމަސް އުފެއްދުމާއި، މަސް ޕްރޮސެސްކުރާ ފެސިލިޓީތަކުގައި
އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި، ސަރކިއުލަރ އިކޮނޮމީގެ އިތުރުން މެރިކަލްޗަރ
ސިނާއަތް ތަރައްގީކުރުން ހިމެނެއެވެ. މި ސްކީމްގެ ފުރަތަމަ ބުރުގެ ސުންގަޑި މިދިޔަ
ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. ފުރަތަމަ ބުރުގައި މައިގަނޑު
ގޮތެއްގައި އަމާޒުކޮށްފައިވަނީ 30.84 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ މެނުފެކްޗަރިންގ
އަދި ޑީކާބޮނައިޒޭޝަން ގްރާންޓްތަކަށެވެ.
މި ސްކީމަކީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު 2023
އިން 2030 އަށް ހިންގާ 64.8 މިލިއަން ޑޮލަރުގެ "ޓްރާންސްފޯމް ޕްރޮޖެކްޓް"
ގެ ދަށުން ތަންފީޒުކުރާ ޕްރޮގްރާމެކެވެ. މީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ
މަސްވެރިކަމުގެ ސިނާއަތަކީ މޫސުމީ ބަދަލުތަކަށް ވިލުންތެރި، އަދި ތިމާވެއްޓާ ރައްޓެހި
ސިނާއަތަކަށް ހެދުމެވެ. ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ގްރާންޓްގެ ސަބަބުން އަތޮޅުތެރޭގެ
އިގުތިސާދު ކުރިއަރައި، އަންހެނުންނާއި ޒުވާނުންނަށް ވަޒީފާގެ އާ ފުރުސަތުތައް ފަހިވެގެންދާނެއެވެ.
މީގެ ކުރިން މި ސްކީމް ފަރުމާކޮށްފައި އޮތީ 30 އިންސައްތަ
ހިލޭ އެހީ ލިބޭ ގޮތަށް ނަމަވެސް، ސަރުކާރުން ވޯލްޑް ބޭންކާއެކު ކުރި މަޝްވަރާތަކަށްފަހު
އެ އަދަދު 40 އިންސައްތައަށް ވަނީ އިތުރުކޮށްފައެވެ. މި ބަދަލާއެކު، މަސްވެރިކަމުގެ
ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކަށް ބޮޑު މާލީ ލުޔެއް ލިބިގެންދާނެ
ކަމަށް ވުޒާރާއިން ގަބޫލުކުރެއެވެ.