ފަސް އަހަރު ތެރޭގައި ޕެންޝަން ފަންޑު 60 ބިލިއަނަށް އިތުރުކުރަން މަސައްކަތްތަކެއް
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން
ބަލަހައްޓަމުންދާ ފައިސާގެ އަދަދު،
ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރައްވާނެކަމަށް މޯލްޑިވްސް ޕެންޝަން
އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ
ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީއީއޯ މިހެން ވިދާޅުވީ، ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ހދ.
ހަނިމާދޫގައި ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކް"
(3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި
ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ވިދާޅުވީ، ޕެންޝަން އޮފީހުގެ
ހަޔާތުގައި މިވީ 17 އަހަރު ދުވަސްތެރޭގައި ޕެންޝަން ފަންޑަށް ޖަމާވެފައިވަނި 30 ބިލިއަން ރުފިޔާއަށް ކަމަށެވެ.
މީގެ ތެރޭގައި އެމްއާރްޕީއެސް މެންބަރުންގެ
ކޮންޓިރިބިއުޝަން އަދި އިންވެސްޓްމެންޓް ފައިދާ ހިމެނޭކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ކުރިއަށް އޮތް 5 އަހަރު
ދުވަހުގެ ތެރޭގައި އެ އަދަދު ދެގުނަ
ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރެއްވުމަކީ އެންމެ ބޮޑު އެއް އަމާޒުކަމުގައި ވިދާޅުވިއެވެ. އެގޮތުން،
ޕްރޯއެކްޓިވްކޮށް މަސައްކަތްކޮށް
އިންވެސްޓްކުރެވޭނެ އިތުރު ފުރުސަތުތައް ހޯއްދަވައިގެން ޕެންޝަން ފަންޑު މިހާރަށްވުރެ ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެެއްގައި
އޭގެ ނަފާ މެންބަރުންނަށް ލިބޭނެގޮތަށް
ޕެންޝަން އޮފީހުގެ ހިންގުމުގެ ނިޒާމް ތަރުތީބުކުރައްވާފައިވާކަމަށް
ސީއީއޯ ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި
ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން، ސްކީމުގައި ބައިވެރިނުވެ ތިބިކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި އެފަރާތްތައް
ޕެންޝަން ސިސްޓަމްގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
އަދި ޕެންޝަން ފައިސާ ދައްކަން ޖެހޭނެކަމަށް
ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުން
ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ނުދައްކާ ހުރިކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް 1
އަހަރުދުވަސް ތެރޭގައި އެ ފައިސާ
ހޯއްދަވައި ރިކަވަރ ކުރެއްވުމު މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ސީއީއޯ ދެއްވިއެވެ.
މި ހަރަކާތަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް
ބާރުއެޅުމުގެ އިތުރުން ފައިސާ
ރައްކާކުރުމާއި، އިންވެސްޓްކުރުމާއި ރިޓަޔަރމަންޓަށް ތައްޔާރުވުމާ ގުޅޭގޮތުން ޢާއިލާތަކުގެ މެދުގައި ހޭލުންތެރިކަން
އިތުރުކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމަށް
ބޭއްވުނު ހަރަކާތެކެވެ. އަދި ހަމައެއާއެކު، ޢާއިލާތަކާއި މުޅި މުޖުތަމައު އެކުވެރިކަމާއެކު އެއްތަނަކަށް ޖަމާވެ،
އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ
ފުރުސަތު މި ހަރަކާތުގެ ތެރެއިން ވަނީ ފަހިވެގެން ގޮސްފައެވެ.