ވަޒީރުންގެ "އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުން މިރޭ

ވަޒީރުންގެ "އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުން މިރޭ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުން މިރޭ ބޭއްވުމަށް ނިންމައިފިއެވެ. 

މިރޭގެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި، މާލީ ވަޒީރު ހަސަން ޒަރީރުގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފެވެ. 

މި ބައްދަލުވުމުގައި، އެ ވަޒީރުންގެ ވުޒާރާތަކުން ކުރިއަށްގެންދާ މަޝްރޫއުތަކާއި ސިޔާސަތުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނާ ހިއްސާކުރާނެއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ވަޒީރުންގެ ކިބައިން ޖަވާބު ހޯދުމަށް ފުރުސަތު ލިބިގެންދާނެއެވެ. 

މި ފޯރަމްގައި އާންމުންނަށް ސީދާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ފޯރަމް އޮންނަ ސަރަހައްދަށް ހާޒިރުވެގެން ސުވާލުކުރުމުގެ އިތުރުން، ޕީއެސްއެމްގެ "އެއަރ" އެޕްލިކޭޝަން މެދުވެރިކޮށް ޑިޖިޓަލްކޮށްވެސް ސުވާލު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. 

މީގެ އިތުރުން، ފޭސްބުކް އަދި އެކްސް ފަދަ ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށްވެސް އާންމުންގެ ކަންބޮޑުވުންތައް ހިއްސާކުރެވޭނެއެވެ. މިއީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ބައިވެރިވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްސީލުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ބާއްވާ ބައްދަލުވުމެކެވެ.

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށާއި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން އާންމުންނަށް އޮޅުންފިލުވައިދިނުމަށް "އަހާ" ފޯރަމް ތައާރަފުކުރީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. 

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ހާމަކަން ބޮޑު ސިޔާސަތުގެ ދަށުން، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ. 

ކޮމެންޓް 0