އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ބަސް ސްޓޭންޑެއް ހަދަނީ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކައިރީގައި ބަސް ސްޓޭންޑެއް ފަރުމާކޮށް ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް ސ. ހިތަދޫގައި ހުންނަ އެ ހޮސްޕިޓަލުން މިއަދު އިއުލާންކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ މި އިއުލާނާ ގުޅޭ ލިޔެކިޔުންތައް މިހާރު ވަނީ އާންމުކޮށްފައެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އޭއީއެޗުން ބުނި ގޮތުގައި، ރަޖިސްޓަރީކުރަން ޖެހެނީ އިއުލާނުގައިވާ އޮންލައިން ލިންކެއް މެދުވެރިކޮށެވެ. އަދި ރަޖިސްޓަރީވުމުން އެކަން ކަށަވަރުކޮށްދޭ އީމެއިލެއް ލިބޭނެ ކަމަށާއި، ރަޖިސްޓަރީވިކަން ޔަގީންކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ. ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ހޮސްޕިޓަލުގެ ޓެންޑަރ އީމެއިލްއަށް ފޮނުވުމަށް ވަނީ އެދިފައެވެ.
ބިޑު ހުށަހެޅުން އޮންނާނީ މި މަހުގެ 28 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އޭއީއެޗްގެ އިދާރީ އޮފީސް އިމާރާތުގެ ކޮންފަރެންސް ރޫމުގައެވެ. ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އައްޑޫ ސިޓީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އަންނަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން އާންމު ދަތުރުފަތުރުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުންނެވެ. 2022 ވަނަ އަހަރުގެ ޖުލައި މަހު ފެށި މި ހިދުމަތުގައި 13 ބަހެއް ބޭނުންކުރާއިރު، ފޭދޫއިން ހިތަދޫއަށް އަދި ހުޅުމީދޫގައިވެސް ބަހުގެ ހިދުމަތް ދެމުންގެންދެއެވެ. އޭއީއެޗް ކައިރީގައި ޒަމާނީ ބަސް ސްޓޭންޑެއް ހެދުމުން، ހޮސްޕިޓަލަށް ޒިޔާރަތްކުރާ ބަލިމީހުންނަށާއި އާންމުންނަށް ދަތުރުފަތުރުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.