އައްޑޫ ބްރާންޗުގެ މުވައްޒަފުން ވަކިކުރުމުގައި ސިޔާސީ ފިކުރަކަށް ނުބަލަން: ވެމްކޯ
ވެމްކޯގެ އައްޑޫ ބްރާންޗުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ސިޔާސީ ފިކުރަށް ބަލައި އަމަލުކޮށްފައި ނުވާނެ ކަމަށާއި އެ ކުންފުނިން ބުނި ގޮތުގައި، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ އެ މީހުންގެ މަސައްކަތުގެ ޕާފޯމަންސް އިވެލިއޭޓްކުރުމަށް ފަހުގައި ކަމަށް ވެމްކޯ އިން ބުނެފިއެވެ.
ވެމްކޯގެ އޮފިޝަލަކު އައްޑޫ ޕްލަސްއަށް މައުލޫމާތު ދެމުން ބުނީ މުވައްޒަފުން ވަކިކުރުމަށް ނިންމި ނިންމުމަކީ ކުންފުނީގެ އުސޫލުތަކުގެ ތެރެއިން ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބެލުމަށްފަހު ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ނިންމި ނިންމުމެއް ކަމަށް ބުނެ އާންމުންނާއި އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި، ކުންފުނިން ވަނީ އެކަން ދޮގުކޮށްފައެވެ.
މި މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވަނީ އައްޑޫ ހިތަދޫ ބްރާންޗުގައި މަސައްކަތްކުރަމުންދިޔަ ބައެއް މުވައްޒަފުންނާއި އާޢްމުން ސޯޝަލް މީޑިޔާގައި ފާހަގަކުރާ ގޮތުގައި އެމީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ ސިޔާސީ ގޮތުން ވަކި ފިކުރަކަށް ނިސްބަތްވާތީ ކަމަށެވެ. އެގޮތުން ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ގޮތުގައި ސޮއިކޮށްފައި ނުވާ ފަރާތްތައް ވަޒީފާއިން ވަކިކުރިކަމަށް ވެސް ބުނެފައިވެއެވެ.
މި ވާހަކަތަކާއި ގުޅޭގޮތުން ވެމްކޯގެ އޮފިޝަލް ބުނީ ވަޒީފާއިން ވަކިކުރީ ކުންފުނީގެ މައި އޮފީހުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. އަދި ވަކިކުރި މުވައްޒަފުންގެ ތެރޭގައި ޕީއެންސީގެ މެންބަރުން ވެސް ހިމެނޭނެ ކަން އޭނާ ފާހަގަކުރިއެވެ. އެހެން ނަމަވެސް އެއީ ކޮން މުވައްޒަފުންނެއް ކަމެއް ފާހަގަކޮށްފައި ނުވެއެވެ.
މުވައްޒަފުން ވަކިކުރި ނަމަވެސް، އައްޑޫ ސިޓީގައި ވެމްކޯއިން ފޯރުކޮށްދެމުންދާ ކުނި ނެގުމާއި މެނޭޖުކުރުމުގެ ހިދުމަތްތަކަށް އެއްވެސް ބުރޫއެރުމެއް ނައިސް، އާންމު އުސޫލުން ކުރިއަށްދާނެ ކަމަށް ވެސް ވެމްކޯ އިން ވަނީ ބުނެފައެވެ.