"އަމާޒަކީ، އައު ޓެކުހެއް ތައާރަފުކުރުމުގެ ބަދަލުގައި މިހާރުގެ ޓެކުހުގެ ނިޒާމު ހަރުދަނާކުރުން"
އައު ޓެކުހެއް ތައާރަފުކުރުމުގެ ބަދަލުގައި، ސަރުކާރުގެ
ވިސްނުން ބޮޑަށް ހުރީ މިހާރު އޮތް ޓެކުހުގެ ނިޒާމު ހަރުދަނާކުރުމަށް ކަމަށް
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ
ވަޒީރު
ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދީގެން ސަރުކާރުން
ކުރިއަށްގެންދާ “އަހާ” ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ޒަރީރު
ވިދާޅުވީ، ދައުލަތުގެ
އާމްދަނީ އިތުރުކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ މިހާރު ނަގަމުންދާ ޓެކްސްތައް
ގަވާއިދުން ދައްކާކަން ކަށަވަރުކުރުން ކަމަށެވެ.
އަދި ޓެކްސް ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ
ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް
ވަޒީރު
ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޓެކްސް ދެއްކުމުގެ ގަވާއިދުތަކަށް ބޯލަނބައި މިންވަރު އިތުރުކުރުމަށްޓަކައި
ވިޔަފާރިތަކަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަކީވެސް ސަރުކާރުގެ އަމާޒެއް
ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޓެކްސް ނެގުމުގެ ނިޒާމު ހަރުދަނާކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ
ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވި ގޮތުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
(މީރާ) ގެ އޮޑިޓްކުރުމާއި ފައިސާ ހޯދުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް
މިހާރު ދަނީ ކުރަމުންނެވެ. މިގޮތުން، ޓެކްސް ދެއްކުމަށް މަކަރުހަދާ ފަރާތްތައް ހޯދައި،
އެ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މީރާއަށް އިތުރު ބާރުތަކެއް
ދިނުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ފަހުން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.