ފޭދޫ ސްކޫލުގެ ރާޒުވާ މުބާރާތް ބާއްވައިފި

މި މުބާރާތަކީ ދަރިވަރުންގެ ވިސްނުންތެރިކަމާއި ކެތްތެރިކަން އިތުރުކުރުމަށް ބޭއްވި މުބާރާތެއް

ފޭދޫ ސްކޫލުން ބޭއްވި ޗެސް މުބާރާތުގެ ތެރެއިން. ފޮޓޯ: ފޭދޫ ސްކޫލް
ފޭދޫ ސްކޫލުން ބޭއްވި ޗެސް މުބާރާތުގެ ތެރެއިން. ފޮޓޯ: ފޭދޫ ސްކޫލް

ސ. ފޭދޫ ސްކޫލުގެ މިއަހަރުގެ ރާޒުވާ މުބާރާތް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. 


ދަރިވަރުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި މުބާރާތަކީ ދަރިވަރުންގެ ފިކުރީ ހުނަރުތައް ކުރިއެރުވުމަށް ސްކޫލުން ރާވައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މުހިންމު އެއް ހަރަކާތެވެ.

ފޭދޫ ސްކޫލުން ބުނި ގޮތުގައި، މި މުބާރާތުގެ ސަބަބުން ދަރިވަރުންނަށް ސްޓްރެޓީޖިކްކޮށް ވިސްނުމާއި، ކަންކަމަށް ސަމާލުކަން ދިނުމާއި، ކެތްތެރިކަމުގެ އިތުރުން ކުޅިވަރުގެ ރޫހު ދައްކުވައިދިނުމަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ލިބިގެންދިޔައެވެ. މުބާރާތުގެ ތެރެއިން ދަރިވަރުން ވަރަށް ފަރުވާތެރިކަމާއެކު ކުޅިތައް ރާވައި، ކުރިއާލައި ވިސްނައިގެން ގޮންޖެހުންތަކާ ކުރިމަތިލިކަން އެ ސްކޫލުން ފާހަގަކުރިއެވެ. 

މީގެ އިތުރުން، މެޗުތަކުގެ ތެރެއިން ދަރިވަރުންގެ ސާބިތުކަމާއި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމް ފެނިގެންދިޔަ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ. ރާޒުވާއަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި، އެއީ ދިރިއުޅުމުގެ އެކި ހާލަތްތަކުގައި ކަންކަން ނިންމުމަށް ބޭނުންވާނެ މުހިންމު ހުނަރުތަކެއް ދަސްކޮށްދޭ ވަސީލަތެއްކަން މި މުބާރާތުން ސާބިތުކޮށްދީފައިވާ ކަމަށް ސްކޫލުގެ ފަރާތުން ބުނެފައިވެއެވެ.

 ފޭދޫ ސްކޫލުން ބުނި ގޮތުގައި، މި މުބާރާތަކީ މޮޅުވުމާއި ބަލިވުމުންވެސް ފިލާވަޅުތަކެއް ދަސްކުރުމަށް ދަރިވަރުންނަށް ހުޅުވައިލެވުނު މުހިންމު ފުރުސަތެކެވެ. ކުޅިވަރުގެ މައިދާނުގައި ކުރިމަތިވާ ނާކާމިޔާބީތަކަކީ ކުރިއަށް ދިއުމަށް ލިބޭ ހިތްވަރަކަށް ހެދުމުގެ މުހިންމުކަން މި މުބާރާތުގެ ތެރެއިން ދަރިވަރުންނަށް ވަނީ އުނގަންނައިދީފައެވެ.

ކޮމެންޓް 0