ޗައިނާގެ ސިޗުއާން މެޑިކަލް ޓީމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހާއްސަ ފަރިއްކޮޅެއް
ޗައިނާގެ ސިޗުއާން ޕްރޮވިންސުން އައްޑޫ ސިޓީއަށް ޒިޔާރަތްކުރި ސިއްހީ ދާއިރާގެ ހާއްސަ ވަފުދަކަށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހާއްސަ ފަރިއްކޮޅެއް ދީފިއެވެ.
މި ފަރިއްކޮޅަކީ "2026 ޗައިނާ-މޯލްޑިވްސް ހެލްތު ސިލްކް ރޯޑް މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެކްސްޗޭންޖް ޕްރޮގްރާމް" ގެ ދަށުން، އައްޑޫއަށް އައި ވަފުދަށް ބޭއްވި ފަރިއްކޮޅެކެވެ.
މި ޕްރޮގްރާމަކީ މައިންނާއި ކުޑަކުދިންގެ ސިއްހަތާ ގުޅޭ ފަރުވާގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ. މި ހަރަކާތުގެ ތެރެއިން، ޗައިނާގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި ސިއްހީ މާހިރުން ވަނީ އައްޑޫ ސިޓީގެ ސިއްހީ ހިދުމަތްތެރިންނާ ބައްދަލުކޮށް، ފަންނީ މައުލޫމާތު ހިއްސާކޮށްފައެވެ. މިއީ ރާއްޖޭގެ ދެކުނުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭއީއެޗް އިން ބުންޏެވެ.
މި ހާއްސަ ފަރިއްކޮޅުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން، އޭއީއެޗްގެ އިސްވެރިންނާއި ޗައިނާގެ ސިޗުއާން މެޑިކަލް ޓީމުގެ މެންބަރުން ބައިވެރިވިއެވެ.
އޭއީއެޗް އިން ބުނި ގޮތުގައި، މިފަދަ ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކުގެ ސަބަބުން އައްޑޫ ސަރަހައްދުގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. ހާއްސަކޮށް މައިންނާއި ކުޑަކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ޗައިނާގެ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބުމަކީ މުހިންމު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގެ ތެރެއިން ދެ ގައުމުގެ ސަގާފަތް ބަދަލުކުރުމާއި، ކުރިއަށް އޮތް ތަނުގައި ސިއްހީ ދާއިރާއިން އިތުރު އެއްބަސްވުންތަކަކަށް އައުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އޭއީއެޗް އިން ބުންޏެވެ.