ޗައިނާގެ ސިޗުއާންއާއި އޭއީއެޗް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފި

ޗައިނާގެ ސިޗުއާން ޕްރޮވިންސާއި އޭއީއެޗް ގުޅިގެން މައިންނާއި ކުޑަކުދިންގެ ސިއްހަތާ ގުޅޭގޮތުން ކުރިއަށްގެންދިޔަ "ސިޗުއާން-މޯލްޑިވްސް މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެކްސްޗޭންޖް ޕްރޮގްރާމް"ގެ ބައިވެރިން. ފޮޓޯ: އޭއީއެޗް
ޗައިނާގެ ސިޗުއާން ޕްރޮވިންސާއި އޭއީއެޗް ގުޅިގެން މައިންނާއި ކުޑަކުދިންގެ ސިއްހަތާ ގުޅޭގޮތުން ކުރިއަށްގެންދިޔަ "ސިޗުއާން-މޯލްޑިވްސް މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެކްސްޗޭންޖް ޕްރޮގްރާމް"ގެ ބައިވެރިން. ފޮޓޯ: އޭއީއެޗް

ޗައިނާގެ ސިޗުއާން ޕްރޮވިންސާއި އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލް ގުޅިގެން މައިންނާއި ކުޑަކުދިންގެ ސިއްހަތާ ގުޅޭގޮތުން ކުރިއަށްގެންދިޔަ "ސިޗުއާން-މޯލްޑިވްސް މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެކްސްޗޭންޖް ޕްރޮގްރާމް" ނިންމާލައިފިއެވެ. 

 އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތުކެއާ އެޑްމިނިސްޓްރޭޝަން ޝާހް ސައީދެވެ.

މި މަހުގެ 18 އިން 19 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ކްލިނިކަލް ތަމްރީނުތައް ދީފައިވަނީ ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ތަޖުރިބާކާރުންނެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އޭއީއެޗްގެ ސީއީއޯ ޑރ. އަހުމަދު އަދީލް ނަސީރުގެ އިތުރުން ސިއްހީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކްރިޓިކަލް ކެއާ އަލްޓްރާސައުންޑާއި ނިއޯނޭޓަލް އިންޓެންސިވް ކެއާ ފަދަ މައިންނާއި ކުޑަކުދިންގެ ފަރުވާއާ ގުޅޭ މުހިންމު ދާއިރާތަކަށެވެ. މީގެ އިތުރުން އަމަލީ ގޮތުން ފަރުވާ ދިނުމުގައި ބޭނުންކުރާނެ އުކުޅުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން ދަސްކޮށްދީފައިވެއެވެ. 

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ސިއްހީ ހިދުމަތްތެރިންގެ ކްލިނިކަލް ހުނަރު އިތުރުކުރުމާއި، ދެ ގައުމުގެ ދެމެދުގައި ފަންނީ މައުލޫމާތު ހިއްސާކުރުމެވެ. މިއީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހު ރާއްޖެއާއި ސިޗުއާން ޕްރޮވިންސާ ދެމެދު ސޮއިކުރި ސިއްހީ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ "ޗައިނާ (ސިޗުއާން)-މޯލްޑިވްސް ހެލްތު ސިލްކް ރޯޑް އެކްސްޗޭންޖް ޕްރޮގްރާމް" ގެ ދަށުން ހިންގި ހަރަކާތެކެވެ. 

މި އެއްބަސްވުމުގެ ދަށުން ދާދި ފަހުން ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އިސްކޮށް ހުންނަވައިގެން ސިއްހީ ދާއިރާގެ އިސް ވަފުދެއް ވަނީ ސިޗުއާންއަށް ޒިޔާރަތްކޮށްފައެވެ. އެ ދަތުރުގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ޓެލެމެޑިސިން އަދި ކުއްލި ފަރުވާގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޗައިނާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފައިވެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ މައިންނާއި ކުޑަކުދިންގެ ސިއްހީ ފަރުވާގެ ފެންވަރު މަތިކުރުމަށް މަގުފަހިވާނެ ކަމަށް އޭއީއެޗުން ބުނެފައިވެއެވެ.

ކޮމެންޓް 0