ރާއްޖޭގެ އެކި ހިސާބުތަކުގައި 119 ފިޓްނަސް ސެންޓަރުގެ މަސައްކަތް ކުރިއަށްދޭ: ވަޒީރު ރާފިޢު

“އަހާ” ފޯރަމްގެ 10 ވަނަ ޕްރޮގްރާމްގައި ވަޒީރު ރާފިޢު ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
“އަހާ” ފޯރަމްގެ 10 ވަނަ ޕްރޮގްރާމްގައި ވަޒީރު ރާފިޢު ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 119 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

“އަހާ” ފޯރަމްގެ 10 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މިހާތަނަށް 8 ރަށެއްްގެ އެފްއާރުސީ ސެންޓަރު މިހާރު ނިމި އެތަންތަނަށް ބޭނުންވާ ސާމާނުގަތުމަށް އިއުލާންކޮށްފައިވާ ކަމަށެވެ.

ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެފްއާރުސީ ސެންޓަރުތައް ހެދުމަށް އަމާޒު ހިފާފައިވާއިރު، މިހާތަނަށް އެފްއާރުސީ ސެންޓަރުތައް ހަދަން ނުފެށި ހުރި ރަށްތަކުގައިވެސް މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ފެށުމަށް ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް 2027 ވަނަ އަހަރުގެ ފަހުކޮޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދެވޭނެ ގޮތަށް ބައްޓަންވެގެން ދިއުން. އަދި އެތަންތަން ބެލެހެއްޓޭނެ ގޮތަށް އެތަންތަނަށް ބަޖެޓް ކުރެވިގެން މަރާމާތުކުރެވިގެން ކުރިއަށްދިއުން". ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއުތައް ކިތަންމެ ގިނަވި ނަމަވެސް، މި ދައުރުގެ ތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ވެސް ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ކޮމެންޓް 0